"ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022" އިފްތިތާޙު ކޮށްފި

"ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ތިނެއް މެއި އިނ...

28 Apr 2022 | 10:46

"ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ތިނެއް މެއި އިން 22 މެއިއަށް ބޭއްވުމަށް ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަޢުލޫމާތު ޙިއްސާކޮށްދެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

އެމްޓީސީސީން ބުނީ ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރުތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރު ގެ ނިޒާމް ފުޅާ ކުރުމަށްޓަކައި މިއަހަރުގެ ޖޫންމަހު ގެނައުމަށް ހަމަޖެހިފައިވާ 34 ބަސް ދުއްވާނެ މުވައްޒަފުން ރެކްރޫޓް ކުރުން ކަަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. މިގޮތުން، ޑްރެޖް މާސްޓަރ، ޑްރެޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރ، ޓަގް ކްރޫ، ވެލްޑަރ އަދި ޑްރެޖް ސުޕަވައިޒަރ ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

އަދި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10,000 ރުފިޔާއާއި 33,000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއި އެކު ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައެވެ.

މިވަގުތު ބަހުގެ ޚިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު މިދެންނެވި ރަށްރަށަށްވެސް ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ ބަސް ދުއްވަން ނެގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސްދުވަސްތެރޭ ތަމްރީން ކުރެވި

ލައިސެންސް ލިބޭނެ ކަމަށެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14,000 ރުފިޔާއާއި 18,000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރ ގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ހާމަަކުރެއެވެ. މީގެ އިތުރުން އެމްޓީސީސީން ބުނީ މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރެވޭނެ ކަމަށެވެ.

ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައެވެ.

މިގޮތުން މެއި 3 ގައި ހދ. ކުޅުދުއްފުށި، މެއި 4 ގައި ހދ. ނޮޅިވަރަންފަރު، މެއި 9 ގައި ސ. ފޭދޫ، މެއި 9 ގައި ސ. ހިތަދޫ، މެއި 10 ގައި ސ. ހުޅުމީދޫ، މެއި 12 ގައި ޏ. ފުވައްމުލަށް، މެއި 14 ގައި ލ. ގަން، މެއި 15 ގައި ލ. އިސްދޫ، މެއި 18 ގައި ށ. ފުނަދޫ، މެއި 21 ގައި ޅ. ހިންނަވަރު އަދި މެއި 22 ގައި ޅ. ނައިފަރު ގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ އަދި ކުންފުނީގެ ހޮޓްލައިން 1650 އިން ލިބޭނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް