ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މޯލްޑިވްސް ނެޝނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ސަސްޕެންޑު ކުރީ ގަވައިދާ ހިލާފަށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފި އެވެ.
އިޔާޒް ސަސްޕެންޑްކުރީ މާޗް، 2019 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އެމްއެންޔޫގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. އޭނާ 14 ދުވަހަށް ސަސްޕެންޑްކުރި ނަމަވެސް، ފަހުން އެމްއެންޔޫ އިން އެ ސަސްޕެންޝަން އުވައިލި އެވެ.
ސަސްޕެންޑު ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ނިންމި ގޮތުގައި ބުނެފައިވަނީ އިޔާޒް ވަޒީފާ އަށް ނުކުތުން މަނާކޮށް އަދި އިންޒާރު ދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ޓްރައިބިއުނަލުގެ ނިންމުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާތިލުގެ މައްޗަށް ބިނާކޮށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލު ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތާވެސް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ފިޔަވަޅު އެޅުމަށް އެމްއެންޔޫގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ސަސްޕެންޝަންގެ މައްސަލައިގަ މިއަދު ގޮތެއް ނިންމި އިރު އެމްއެންޔޫއިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފަ އެވެ. އެއީ އަންހެންކުދިން ހިތާނުކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެގެންނެވެ.
އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް އެ ދުވަސްވަރު ބެލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް