އިންޑިއާ އަކީ ރާއްޖެއަށް އަބަދުވެސް އެއްވަނަ ގައުމު ކަމަށާއި ޗައިނާ އަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދެއްވި ތަގުރީރެއްގައި އެވެ. މި ތަގުރީރު ދެއްވީ މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ނަޝީދު ވިދާޅުވީ ދިވެހިން އަބަދުވެސް ބޭނުންވަނީ އިންޑިއާ އާއި އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިއަށްވުރެ ގާތް އަދި ފައިދާ ހުރި ގުޅުމެއް ގާއިމް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއަށް ފަހިވާގޮތަށް އެތައް ގާނޫނަކަށް ބަދަލު ގެނެސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ބިން ފޭރޭ ގޮތަށް ހެދި އެހުރިހާ ގާނޫނެއް މި ސަރުކާރުން އުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނުތައް އުވާލިޔަސް ހަގީގަތަށް ބަދަލު ނާންނަ ކަމަށެވެ. އެއީ ޗައިނާ ކުންފުނިތަކުން އަދިވެސް ރާއްޖޭގައި ބިޔަ މަޝްރޫއު ތަކެއް ހިންގަމުންދާތީ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޗައިނާއިން ބޭނުން ވަނީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމުކޮށް ޑިމޮކުރަސީ ފުހެލަން ކަމަށާއި އެއަށްފަހު އެމީހުން ބޭނުން ކަމެއް ކުރަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް