ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޮޑު އެހީއެއް ވެއްޖެ އެވެ.
ބީއެމްއެލްއިން ބުނީ އެ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ އިތުރުން އެތަނަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި އެހީގެ ދަށުން އެ މަރުކަޒުގައި އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމް ކުރެވޭނެ އެވެ. އަދި މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި، މިތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރާނެ އެވެ.
މީގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެހީއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދާދެވޭކަމީ ބީއެމްއެލްއަށް ލިބޭނެ އުފަލެއް ކަމަށެވެ. މި ތަރައްގީގެ މަސައްކަތާއެކު މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަމުގައި ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިގޮތުން، އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު މިތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެންދާނެ އެވެ. އޭނާ ވިދާޅުވީ އެ ބޭންކުގެ އުންމީދަކީ މި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން ކަމަށެވެ.
މިއީ މިއަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
- މާރިޗު: ސްމޯލް ގްރާންޓްސް
- ފެބުރުވަރީ: ހައުސިންގ ގްރާންޓް
- ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
- ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު
ބީއެމްއެލްއިން ދަނީ ގައުމުގައި މިފަދަ މުހިންމު އެހީތަކަށް ބޭނުންވާ ޖަމިއްޔާތަކާއި އެކި މުއައްސަސާތަކާއި ރަށްރަށުގެ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް