މިމަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ޖާޒީ" ފްލޮޕްވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ޝާހިދު ކަޕޫރާއި ޓީވީ ތަރި މުރްނާލް ޓާކުރު ލީޑްރޯލުން ފެނިގެންދާ މި ފިލްމު ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރު އެވެ. ކޯވިޑާއި ގުޅިގެން އެކި ފަހަރުމަތިން ރިލީޒް ކުރުން ލަސް ކުރުމަށް ފަހު އާ ތާރީހުގެ ގޮތުގައި ހަމަޖެއްސީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އެކަމަކު އިތުރު ހަފްތާއެއްހާ ދުވަހަށް ރިލީޒް ކުރުން ލަސް ކުރަން ޖެހުނީ ކޮޕީ ކުރިކަމުގެ ތުހުމަތު ފިލްމަށް އެޅުވުމާއި އެކު އެވެ. ފިލްމު ރިލީޒް ކުރި އިރު ލިޔުންތެރިއެއް ކަމަށްވާ ރަޖްނީޝް ޖައިޝްވާލް އޮތީ ކޮޕީ ކުރި މައްސަލައިގަ އެ ފިލްމާއި ދެކޮޅަށް ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ.
މި މައްސަަލަ ގަނޑުގެ ތެރޭގައި އުޅެމުން ފިލްމު އެޅުވިއިރު ބެލުންތެރިން އުންމީދު ކުރިވަރާ ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމު ފްލޮޕްވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ އެއެވެ.
އިއްޔެ ފިލްމަށް ލިބިފައިވަނީ އެއް ކްރޯޑު ރުޕީސް އެވެ. އަދި މިހާތަނަށް ޖުމްލަ ފިލްމަށް ލިބިފައިވަނީ 20 ކްރޯޑު ރުޕީސްއެވެ. ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފިލްމުގެ ވިޔަފާރި ވަނީ 57 ޕަސެންޓަށް ވެއްޓިފަ އެވެ.
އަދި ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރިލީޒް ކުރާ އަޖޭ ދޭވްގަންގެ ފިލްމު "ރަންވޭ 34" އާއި ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ ސަބަބުން "ޖާޒީ" ފްލޮޕްވާނެކަން ޔަގީންވެ އެވެ. އެހެންވެ "ޖާޒީ" ގެ ޓިކެޓު އަގުހެޔޮ ކުރުމަށްވެސް ދަނީ ވާހަކަ ދައްކަމުން ކަމަށްވެ އެވެ.
ފިލްމު "ޖާޒީ" އަކީ ޓެލެގޫ ފިލްމެއްގެ ހިންދީ ރިމޭކެވެ. މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ގޯތަމް ތިންނަނޫރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް