ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ބައިލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ނޭޕާލަށް އައި ބިންހެލުމުގައި ލިބުނު ގެއްލުން ފޫބެއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ބައިލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާ ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިދސާ ހަދިޔާ ކުރަން ހަމަޖައްސާފައިވާގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.
https://twitter.com/SpokespersonMV/status/592998663137284096
ސަރުކާރުގެ އިތުރުން އައިޖީއެމްއެޗު ގްރޫޕުންވެސް ވަނީ ނޭޕާލަށް 10،000 ޑޮލަރު ދޭން ނިންމާފަ އެވެ. އައިޖީއެމްއެޗު ގްރޫޕުގައި ހިމެނޭ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި، ވިލިމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނާއި ނަރުހުންގެ ފަރާތުން މި އެހީ ދޭން ނިންމީ ނޭޕާލަކީ ސިއްހީ ހިދުމަތުގެ ދާއިރާ އިން އެ ހޮސްޕިޓަލާ ގާތް ގުޅުމެއް އޮންނަ ގައުމެއްކަމުން އެ ގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުގައި ބައިވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މުވައްޒަފުން ދެކޭތީ ކަމަށެވެ.
ނޭޕާލަށް ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސާކްގެ ގައުމުތަކުން ތަފާތު އެހީތެރިކަން ފޯރުކޮށްދެމުންދާއިރު އެ ގައުމުން ބުނެފައިވަނީ އެންމެ ބޮޑަށް އެހީގެ ގޮތުގައި ބޭޏުންވަނީ ފޭލިގެއާއި ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ރަޖާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ނޭޕާލަށް ލިބުނު ގެއްލުމުގައި ބައިވެރިވެ އެކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިންޑީއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޕާލަމެންޓް މެންބަރުންގެ އެއް މަހުގެ މުސާރަ ނޭޕާލަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ.
މިމަހުގެ 25 ވަނަ ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިކޯޑު ކުރެވިފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް