މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އެސްޕީޖީ) އަށް ހާއްސަކޮށްގެން ޖަލުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ތަމްރީންތަކެއް ފަށައިފި އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި، އެސްޕީޖީ އަށް ހާއްސަ ތަމްރީންތަކެއް ފަށާފައިވަނީ އިއްޔެ ކަމަށެވެ. މި ތަމްރީންތަށް މާފުށީ ޖަލާއި ހިންމަފުށީ އައްސޭރިޖަލުގެ އިތުރުން މާލޭ ޖަލުގައި ކުރިޔަށް ގެންދެ އެވެ.
އެ ތަމްރީންތަކުގައި، ކްރައުޑް ކޮންޓްރޯލް ކުރާނެ ގޮތާއި އިމަޖެންސީ އެކި ހާލަތްތަކުގައި މަސަައްކަތް ކުރާނެ ގޮތުގެ ހުނަރު އިތުރުކުރާނެ ކަމަށެވެ.
އެމްސީއެސް އިން ބުނީ ޖަލުތަކުގައި ދިމާވެ ކަމަކުން ސަލާމަތް ވުމަށް އެ ޑިޕާޓްމަންޓް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަަމަށެވެ. އަދި އެމްސީއެސްއާ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި އަަބަދުވެސް ދެކޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ޖަލުތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން އެންމެ އިސް ކަމެއްގެ ގޮތުގައި ކޮށްފައި ވަނީ، އެމްސީއެސް އިން ބުނިގޮތުގައި، ޖަލުތައް ބަލަހައްޓާނެ ގޮތުގެ ހުނަރު އިތުރުކޮށް، މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި ޖަލުގައި އިންސާނީ ވަސީލަތް ގާއިމް ކުރުމެވެ. އެގޮތުން މިހާރު ޖަލުތަކުގައި މަސައްކަތް ކުރަނީ، ރާއްޖެއިން ނުވަތަ ބޭރުން، ޖަލު ބެލެހެއްޓުމުގެ ތަމްރީނު ހަދާފައިތިބި އޮފިސަރުން ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.
ޖަލުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހާއްސަ ގްރޫޕަށް ތަމްރީންތަކެއް ފަށާފައި މިވަނީ، އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމާއި ގުޅިގެން ހުރިހާ ޖަލުތަކެއް ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.
އެމްސީއެސްގެ އެސްޕީޖީ ގްރޫޕުގެ އިތުރުން ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނަށް ވެސް ހާއްސަ ފަރިތަކުރުންތަކެއް ވަނީ ފަށައިފަ އެވެ.
ފުލުހުންވެސް އެ ތަމްރީން ތަކަކީ މޭޑޭއަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ތަމްރީން ތަނެއްކަމަށް ނުބުނިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަމްރީން ތަކަކީ އެ ދުވަހަށް ހާއްސަކޮށް ކުރިޔަށް ގެންދާ ތަމްރީންތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް