ތައިލޭންޑާއި މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް އައިސް އެ ދެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ތައިލޭންޑުގައި ތިބި ޢާއިލާ އާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫ މެދުވެރިކޮށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް އުރީދޫއިން މިއަދު ބުނެފައިވަނީ މިއަދު ތައިލޭންޑަށް އައި ބިންހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް ނުނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިވަގުތު ޢާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަން" އުރީދޫއިން ބުނެފައިވެއެވެ.
ތައިލޭންޑަކީ ވިޔަފާރި ބޭނުމަށާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތް ކުރާ ޤައުމެކެވެ.
ރާއްޖޭ ގަޑިން ބަލާނަމަ ހެނދުނު 11:32 ހާއިރު މިޔަންމާ އަދި ތައިލޭންޑަށް އައި ބިންހެލުމާއި އާފްޓަޝޮކްތަކުގައި އެ ދެ ޤައުމުގެ ބައެއް އިމާރާތްތައް ބިމާހަމަވެ ކުއްލި ނުރައްކަލުގެ ހާލަތު ދެ ޤައުމުންވެސް ވަނީ އިޢުލާނުކޮށްފައެވެ.
އިމާރާތްތައް ވެއްޓުމާއި އެފަދަ ހާދިސާތަކުގައި މި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 25 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް