މި އަހަރުގެ ފިޠުރު ޒަކާތް ބަހާނީ މުޅި ރާއްޖެއަށް ލިބޭ އެއްޗެއް އެއްކޮށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ 1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށެވެ.
މި އަހަރުގެ ފިޠުރު ޒަކާތަށް މި ވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެެކަން ހާމަކުރައްވާ ޝަހީމް ވިދާޅުވީ މި ބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމު ކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ މީގެ ކުރިން މިކަން ކުރާ ގޮތަކީ ފިތުރު ޒަކާތުގެ ގޮތުގައި އެ ރަށަކަށް ބަހަމުން އައީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި ކަމަށެވެ.
އެހެންނަމަވެސް މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި މުޅި ރާއްޖެއަށް ލިބޭ އެއްޗަކުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބަހަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު ކަމުގައި މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް