އަންނަ މަހުން ފެށިގެން ކަރަންޓު ބިލުގައި ކުނީގެ ފީ ހިމެނޭނެ، ލިފްޓާއި މެއިންޓަނަންސް މީޓަރުތައް އުނިކުރަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމުގައި ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ބުނެފައިވަނީ އެ ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދޭ ގޭބިސީތަކާއި ކޮމާރޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް އަދި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ޚިދުމަތަށް ނަގާ ފީ، 1 އޭޕްރިލް 2023 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރު ތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.
"ވީމާ، އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކުލޫޝަން ފޯމް" ފުރިހަމަ ކުރައްވައި މި ކޯޕަރޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ" ވެމްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓަވާ ފަރާތްތަކުން "ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް މި ކޯޕަރޭޝަނަށް ހުށައެޅުމަށް ދަންނަވާކަމަށާއި އަދި މިވަގުތު ވެމްކޯގެ ޚިދުމަތް ހޯއްދަވާ އެކިއެކި މުވައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮއްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 6 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ކޯޕަރޭޝަނަށް ހުށައެޅުމަށާއި މި މުއްދަތުގައި މި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް ވެމްކޯއިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ ފޯމުތައް އެ ކޯޕަރޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެ ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގައި އެ ކުންފުނީގެ މީޑިއާ ޕްލެޓްފޯމް ތަކުގައި އާއްމު ކުރެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1666 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް