މިދިޔަ އަހަރު މަރުވެ ކަށްޓައް ވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ މަރުގެ މައްސަލައިގަ އޭނާގެ ލޯބިވެރިޔާ އަނެއްކާވެސް ފުލުހަށް ހާޒިރުކޮށްފި އެވެ.
އަޒްހާން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ. އަޒްހާންގެ މަރުވެފައިވާ ހަށިގަނޑު ހުޅުމާލޭ ވޯޓާ ޕާކް ހަދާ ސަރަހައްދު ކައިރީ ގަސްތަކުގެ ތެރެއިން ފެނުނީ އޮކްޓޯބަރު ދެ ވަނަ ދުވަހު އެވެ.
އަޒްހާންގެ މަރާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފުލުހުން މީގެ ކުރިން ބުނީ ތަހުގީގު އަދިވެސް ކުރިޔަށް ގެންދާ ކަމަށެވެ.
މި މައްސަލައިގަ އަޒްހާން މަރުވިއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލިއުޝާ އަލީ މިއަދު އަނެއްކާވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ. މިއަދު ހެނދުނު 9:30 އަށް ލިއުޝާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ނަމަވެސް ތަފްސީލެއް ނުުލިބެ އެވެ.
ފުލުހަށް މިއަދު ލިއުޝާ ހާޒިރުވިކަން ދުވަހަށް ވަނީ ޔަގީންވެފައެވެ.
ގަސްތަކުގެ ތެރެއިން ފެނުނު ކަށިތަކަކީ އަޒްހާންގެ ހަށިގަނޑުކަން ޔަގީން ކުރީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދައިގެންނެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހަށިގަނޑު ފެނުނު ސަރަހައްދުން އަޒްހާންގެ ފޯނާއި ވޮލެޓު ފެނުނު އިރު ފޯނުން ލިބުނު މައުލޫމާތައް ބަލާއިރު ބަޔަކު އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެނިފައިި ނުވާ ކަމަށެވެ.
އޭނާ އެންމެ ފަހުން ހުޅުމާލޭގައި އުޅުނު ކަމަށް ވަނީ ލިއުޝާ އާއި އެކު ގެސްޓު ހައުސްއެއްގައި އެވެ. އަދި އެ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހުނުކަން އަޒްހާންގެ ރަހުމަތްތެރިއަކު ވަނީ ފުލުހުންނާއި މީޑިއާގައި ބުނެފައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް