އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަނީ!

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕްރައިވަޓައިޒޭޝަން ބޯޑަށް ސަރުކާރުން ފޮނުވައިފި އެވެ. ސައީދަކީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ...

28 Mar 2023 | 07:30

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕްރައިވަޓައިޒޭޝަން ބޯޑަށް ސަރުކާރުން ފޮނުވައިފި އެވެ.

ސައީދަކީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކެބިނެޓް ސެކްރެޓަރީކަން ކުރައްވާފައިވާ އޭރު، އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު އައްޔަންކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީސީބީން އަންނަނީ ފުރިހަމަކުރަމުންނެވެ. އެކަމަކު ޕްރައިވަޓައިޒޭޝަން ބޯޑުން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ސައީދު މީގެ ކުރިން ވަނީ އެސްޓީއޯގެ ތެރެއިން އުފައްދާފައިވާ ކުންފުނިތަކެއްގައި މަސައްކަތް ކުރައްވާފައި އެވެ. އެގޮތުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމާއި ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ކުރެއްވި އެވެ.

ސައީދު އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރަން ފޮނުވާފައި މިވަނީ އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކި ކުރުމަށް ފަހު އެވެ. ރައީސް އޮފީހުން ބުނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އަމްރު ވަކިކޮށްފައި ވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކޮށް އެ ފަޅީގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އަމްރު ތާއީދު ކުރެއްވީ ނަޝީދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް