އެމެރިކާގެ ސްކޫލަކަށް ވަދެ ބަޑިޖަހައި ހަ މީހުން މަރާލައިފި އެވެ.
މި ހާދިސާ ހިނގީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ޓެނަސީގެ ނަޝްވިލް ސިޓީގެ ކޮވެނަންޓް ސްކޫލްގައި އެވެ. ހާދިސާ ހިނގީ އިއްޔެ މެންދުރު ފަހު ދަންފަޅީގައި ސްކޫލް ކިޔެވުން ކުރިޔަށް ދަނިކޮށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަރުވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން މީހުންނާއި ނުވަ އަހަރުގެ ތިން ކުޑަކުދިންނެވެ. އަދި 60 މީހުން ޒަހަމްވެފައިވާއިރު އެމީހުން ސްކޫލް ތެރޭގައި ތިބި ސަބަބު ނޭނގޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަލާ ދީފައިވަނީ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އެމީހާ ސްކޫލް ގޭޓުން ވަނީ ފިސްތޯލަ އަކާއި ރައިފްލްއެއް ދެއަތުން ހިފައިން ބަޑި ޖަހަމުން ކަމަށްވެ އެވެ.
މަރުވި އެންމެން ތިބީ ސްކޫލް ގޯތި ތެރޭގައި ހުރި ހޯލެއްގައި އެވެ. އެންމެންވެސް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ފުލުހުންވަނީ އެ މައްސަލަ ރިޕޯޓު ކުރުމުން އެ ސްކޫލަށް ގޮސް އެމީހާ ގަޔަށް ބަޑި ޖަހާފައި އެވެ. އޭނާ މަރުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބައިނަލްއަގުވާމީ މީޑިއާގައި ބުނީ އެމީހާ ސްކޫލްތެރެއަށް ބަޑި ޖަހަމުން ވަތް އިރު ސްކޫލްގެ މެޕެއްވެސް ގެންގުޅެފައިވާ ކަމަށެވެ.
އެމެރިކާގައި ޕްރައިމަރީ ސްކޫލްތަކުގައި ބަޑީގެ ހަމަލާ ދީ ކުޑަކުދިން މެރުން މިފަހުން ވަނީ އިތުރުވެފައި އެވެ.
އެގޮތުން މިދިޔަ އަހަރު ޓެކްސެސްގެ ސްކޫލެއްގައި ބަޑި ޖަހައި 19 ކުދިންނާއި ދެ ޓީޗަރުން މަރާލާފައިވެ އެވެ. އަދި މިޗިގަން ސްޓޭޓްގެ ސްކޫލެއްގައި މިދިޔަ މަހު ވަނީ ބަޑިޖަހައި ތިން ކުދިން މަރާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް