ރޯދަ އާއި އަޅުކަން : ސަވާބާއި ދަރުމައަށްޓަކައި ރޭއަޅުކަން ކުރުން

ރަމަޟާން މަހުގެ ދުވަސްތައް ގުނަމުން އަންނައިރު ރޭ އަޅުކަމަށް އިސްކަން ދިނުމަކީ މުހިންމުކަމެކެވެ. ސަވާބާއި ދަރުމައަށްޓަކައި އެވެ. އެކަމަށް ޓަކައި އެންމެ ގިނަ ބަޔަކުކޮށް އުޅޭ އެއް ނަމާދަކީ ރަމަޟާން މަހު...

28 Mar 2023 | 06:01

ރަމަޟާން މަހުގެ ދުވަސްތައް ގުނަމުން އަންނައިރު ރޭ އަޅުކަމަށް އިސްކަން ދިނުމަކީ މުހިންމުކަމެކެވެ. ސަވާބާއި ދަރުމައަށްޓަކައި އެވެ. އެކަމަށް ޓަކައި އެންމެ ގިނަ ބަޔަކުކޮށް އުޅޭ އެއް ނަމާދަކީ ރަމަޟާން މަހުގައި ކުރެވޭ ސުންނަތްކަން ގަދަވެގެންވާ ތަރާވީހް ނަމާދެވެ.

‏مَنْ قَامَ رَمَضَانَ إِيمَانًا ‏ ‏وَاحْتِسَابًا ‏ ‏غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

މާނައަކީ: "ރަމަޟާން މަހުގެ ރޭގަނޑު، ތެދުވެރި އީމާންތެރިކަމަކާއެކު ﷲގެ ދަރުމައަށް އެދި ނަމާދުކޮށްފި މީހާގެ، ވޭތުވެދިޔަހާ ފާފައެއް ފުއްސެވިއްޖެއެވެ."

ތަރާވީޙް ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ތަރާވީޙް ނަމާދުގެ މޮޅު އިތުރު ގޮތަކީ ޖަމާޢަތުގައި ކުރުމެވެ. ނަމަވެސް ޖަމާޢަތުގައި ނުކުރެވޭ މީހަކު ގޭގައި ކުރުމުންވެސް އެކަމުގެ ޘަވާބު ލިބޭނެއެވެ.

ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންވެސް ޖަމާޢަތުގައި މި ނަމާދު ކުރުމަކީ ސުންނަތެކެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވީ 3 ރޭގައި ކަމަށް، ޞަޙީޙް ބުޚާރީގެ ތަރާވީޙް ނަމާދު ބާބުގައި އޮތް ޙަދީޘާއި އަދި އެނުންވެސް ކިތަންމެ ޙަދީޘަކުން އެގެން އެބަ އޮތެވެ.

އެ ޙަދީޘްގައި ވާގޮތުން، ފުރަތަ ރޭ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ނަމާދު ކުރެއްވުމުން މީހުންތައް ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު، ހެނދުނު އެ ވާހަކަ ދެއްކުމުން ދެވަނަ ރޭ ކުރީ ރެޔަށް ވުރެ ގިނަ މީހުން އައެވެ. ތިންވަނަ ރޭ އެއަށްވުރެ ގިނަވިއެވެ. ހަތަރުވަނަ ރޭ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ތަރާވީޙް ނުކުރައްވައި، ފަތިސްނަމާދަށްފަހު ޙަދީޘްކުރެއްވީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން ދޫކޮށްލެއްވީ، އެއީ މުސްލިމުންނަށް ފަރުޟެއް ކަމަށް ވެދާނެ ކަމުގެ ބިރުފުޅަށްޓަކައި ކަމަށެވެ.

މި ގޮތަށް މިކަންތަށް އޮއްވާ، ޢުމަރު ބިން ޚައްޠާބް ޚަލީފާއަކަށް ހުންނެވި ދުވަސްވަރު، މީހުން މިސްކިތުގެ އެކިތަންތާގައި ވަކިވަކިން ތިބެ ތަރާވީޙް ނަމާދު ކުރާތަން ފެނިވަޑައިގަތުމުން، މުސްލިމުންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން، ތަރާވީޙް ނަމާދު ޖަމާޢަތުގައި ކުރުމަށް އަމުރު ކުރައްވާ އުބައްޔު ބިން ކަޢްބު އިމާމުކުރެއްވިއެވެ.

ޢުމަރުގެފާނު މިހެން ހެއްދެވީ، ޖަމާޢަތުގައި މި ނަމާދު ކުރެއްވުން ރަސޫލާ ހުއްޓަވާލެއްވި ސަބަބު ކަމުގައިވާ(ވާޖިބުކަމެއްކަމަށް މީހުންނަށް ހީވުން) ނެތުމުންނެވެ. އެހެނީ ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ކަމަކީ ވާޖިބު ކަމެކޭ މީހުންގެ ހިތަށް ވަހުމް ވުމުގެ ފުރުސަތެއް ނެތެވެ. ކަމުގެ ޙަޤީޤަތް ނޭނގޭ ބައެއް މީހުން ބުނާ ފަދައިން، ތަރާވީޙް ޖަމާޢަތުގައި ކުރުން އެއީ ޢުމަރުގެފާނު އަމިއްލަފުޅަށް އުފެއްދެވި ކަމެއް ނޫނެވެ. ކިއެއްތަ އެއީ ރަސޫލާގެ ސުންނަތެއް، ވަކި ސަބަބަކަށްޓަކައި ވަގުތީ ގޮތުން ހުއްޓަވާލައްވާފައި އޮތުމަށްފަހު އެ ސަބަބު ނެތުމުން އަލުން ސުންނަތް ފެއްޓެވީއެވެ. ވީމާ މުސްލިމުންގެ އިޖުމާޢުން، ތަރާވީޙަކީ ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވާ ކަމެކެވެ.

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވި ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް ނަމާދެއް ކަމުގައި މުސްލިމް ހުރިހާ އިލްމުވެރިން އިޖްމާއުވެލަށްވަ އެވެ. އަދި ތަރާވީހް ނަމާދު ކުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.

"އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު އެބިރު (ތަރާވީޙް ނަމާދު ފަރްޟުވެދާނެކަމުގެ ބިރު) ފިލައި ދިޔުމުން ޢުމަރުގެފާނު މީސްތަކުން އެއްކުރައްވާ ޖަމާއަތުގައި ތަރާވީހް ނަމާދު ކުރެއްވި،" ޑރ. އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވި ގޮތުގައި ތަރާވީހް ނަމާދުގެ ވަގުތަކީ އިޝާ ނަމާދު ނިމިގެން ފަޖްރުލުމާއި ހަމައަށެވެ. އަދި އެއީ ރަކުއަތުގެ އަދަދު ކަނޑައެޅިގެންވާ ނަމާދެއް ނޫނެވެ. ރޭގަނޑުގެ ނަމާދު ނިންމަންވާނީ ވިތުރިންނެވެ. އެހެންކަމުން ވިތްރީގެ އެއް ރަކްއަތް ނިންމާލުމުގެ ކުރިން ކުރަންވާނެ އެވެ.

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ކަވާސާ އިންނާއި ބައެއް ދީނީ ޢިލްމުވެރިންގެ ފަތުވާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް