މިހާރުގެ ތައުލީމީ ސިޔާސަތު ރަނގަޅެއް ނޫން: ރޮޒައިނާ

މިހާރުގެ ތައުލީމީ ސިޔާސަތު ރަނގަޅު ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރަމަޟާން މަހު ޓީވީއެމްއިން ދައްކާ ހާއްސަ ޕްރޮގްރާމްމެއް ކަމަށްވާ "ހ...

28 Mar 2023 | 04:39

މިހާރުގެ ތައުލީމީ ސިޔާސަތު ރަނގަޅު ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރަމަޟާން މަހު ޓީވީއެމްއިން ދައްކާ ހާއްސަ ޕްރޮގްރާމްމެއް ކަމަށްވާ "ހޭޝްޓެގް" ގައި ވާހަކަ ދައްކަވަމުންނެވެ.

ރޮޒައިނާގެ ހަގު ދަރިފުޅުގެ ތައުލީމާއި ގުޅޭގޮތުން އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދަރިފުޅުގެ ކިޔެވުމުގެ ފެންވަރު ހުރިވަރު އެނގޭނީ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ. އޭނާގެ ހަގު ފިރިހެން ދަރިފުޅު ތައުލީމް ހާސިލް ކުރަމުންދަނީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 10 ގައި އެވެ.

ރޮޒޭ ވިދާޅުވީ ސްކޫލްގައި ތައުލީމު ފޯރުކޮށްދޭ ސިސްޓަމް ބަދަލުވެގެން އައިސްފައިވާ ގޮތުން ކުދިންގެ ފެންވަރު ދެނެގަންނަން އުނދަގޫ ކަމަށެވެ. އެގޮތުން ކުދިންނަށް އެނގެނީ ކޯޗެއްތޯ ނުވަތަ ނޭނގެނީ ކޯޗެއްކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އަމިއްލައަށް އެއްޗެއް ދަންނަވާނަމަ ވިދާޅުވާނީ ތައުލީމީ ސިޔާސަތުު ރަނގަޅު ނޫން ކަމަށް ރޮޒޭ ވިދާޅުވި އެވެ. އަދި މިހާރު ތައުލީމު ފޯރުކޮށްދޭ ގޮތުން އުނދަގޫ ގޮތެއް ހުންނަ ކަމަށް ރޮޒޭ ވިދާޅުވި އެވެ.

ގާނޫނަށް ގެނައި ބަދަލާއި ތައުލީމީ ދާއިރާގެ އާ ސިޔާސަތުގެ ދަށުން މިހާރު އަމަލު ކުރަނީ އެއްވެސް ކުއްޖެއް ބާކީނުކޮށް ކިޔަވައިދިނުމުގެ ސިޔާސަތަށެވެ. މި ބަދަލާއި އެކު ޓާމް ޓެސްޓުދޭ ގްރޭޑުތަކަށް ބޮޑު ބަދަލެއް އައި އިރު، ދަރިވަރުންގެ ފެންވަރު ނުވަތަ ކުދިންނާއި އެހެން ކުދިންގެ މެދުގައި ތައުލީމީ ގޮތުން ހުރި ފަރަގުތައް ބުނެދިނުން ވަނީ ހުއްޓާލާފައި އެވެ.

އަދި ގަވައިދާއި އަމުރަށް ނުކިޔަމަންތެރިވާ ދަރިވަރުންނަށް ފިޔަވަޅު އެޅުން ވަނީ ހުއްޓާލާފައި އެވެ.

ރޮޒޭގެ އިތުރުން މި މައްސަލަ އަކީ ގިނަ ބެލެނިވެރިން ހިތްހަމަ ނުޖެހޭ މައްސަލަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް