ކުރުވާހަކަ: ފަޅި ސިކުންތު

ވެހެމުން ދިޔަ ބޯވާރެއިން މަގުމަތީގައި ކޯރުހެދެމުން ދިޔައެވެ. އެކިތަންތަނަށް ދިއުމަށް ނުކުތް މީހުން ވާރޭގައި ޖެހި ތާށިވެފައި ގޭގޭގެ ދޮރާށި ދޮށުގަޔާއި އަސްކަނިތައް ދޮށުގައި ތިއްބެވެ. ކައިރީގައި ހުރި ހަތ...

28 Mar 2023 | 01:24

ވެހެމުން ދިޔަ ބޯވާރެއިން މަގުމަތީގައި ކޯރުހެދެމުން ދިޔައެވެ. އެކިތަންތަނަށް ދިއުމަށް ނުކުތް މީހުން ވާރޭގައި ޖެހި ތާށިވެފައި ގޭގޭގެ ދޮރާށި ދޮށުގަޔާއި އަސްކަނިތައް ދޮށުގައި ތިއްބެވެ. ކައިރީގައި ހުރި ހަތަރު އަނގޮޅީގައި ޖަހާފައިވާ ޓްރެފިކް ލައިޓްތައް ތަރުތީބުން ދިއްލެމުން ދިޔައެވެ.

އެމަންޒަރުތަކަށް ގެއްލިފައި ރީހާން އިނެވެ.  ދިރިއުޅުމުގެ ހިތި ހިތާމަތަކާއި މެދު ހިތާމަކުރާށެވެ. ކަރުނަ އޮއްސާށެވެ. ކިތަންމެ ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ކަންކަން އެކޮޅުކޮޅުން ޖެހިދާނެއެވެ. ބަދަލުވެދާނެއެވެ.  އެއީ ދުނިޔޭގެ ސުންނަތެކެވެ. ތަބީޢީ ޤާނޫނެކެވެ. އެކަމަކު މިއަދު ތަޤުދީރާއި މެދު ފަރިޔާދު ކުރުމަކުން ވެދިޔަތަން އަނބުރާ ހޯދޭކަށް ނެތެވެ.

"ދަރިންތަކެއް ބޮޑެތިވެގެން އަހަރެންގެ ހައްޓަށް ވީ އަރާމެއް ނެތް" ރީހާންގެ މަންމަ ރަހީމާއަށް ބައްޕަ ވާފިރު ބުންޏެވެ.  އެއަޑު އިވުމުން އަނެއްކާވެސް ރިހާން ހިތުގައި ޖެހިއްޖެއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. ބައްޕަގެ އެއުދާސްތަކަށް ފިނިކަމެއް ހޯދައި ދިނުމަށް އޭނާ ވެސް ބޭނުންވިއެވެ. އެކަމަކު މިއަދު ދެން ކުރެވޭނެ ކަމެއް ނެތީއެވެ. ކިޔަވައި ނިމި ޒުވާނަކަށްވެ މުޖުތަމައަށް ނުކުމެ މަސައްކަތްކޮށް މިއަދު މިއީ އޭނާ މައިންބަފައިންނަށް ފަސޭހަކޮށްދޭންވީ ދުވަހެވެ. ބުރަ މަސައްކަތުން ކިޔަވައިދީ ބޮޑު ކުރުމުން މައިންބަފައިން ހައްޖަށް ފޮނުވައިދޭން ލާރި ޖަމާކޮށްދޭންވީ ދުވަހެވެ. ރީހާންއަށް އެނގެއެވެ. އޭނާގެ މައިން ބަފައިންވެސް އެއުންމީދު އޭނާއާއި މެދު ކުރިއެވެ. އެކަމަކު މިއަދު އޭނާ ވެފައި އެވަނީ ޅަދުވަހު ގެންގުޅުނު ގެންގުޅުމަށް ވުރެވެސް މައިން ބަފައިންނަށް ބޮޑު ބުރައަކަށެވެ.

ބައްޕަ ނުތަނަވަސް ވެފައި ހުރީ، ކީއްވެކަން ރީހާނަށް އެނގެއެވެ. ގޭގެ ކުލި ހަމަކުރަން ދަތިވީއެވެ. މާލޭގެ ކުއްޔާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުން އައި އިރު ބައްޕަ ފިޔަވައި ދެން އާއިލާއަށް އާމްދަނީއެއް ހޯދައިދޭން ހުރި މީހަކީ ރީހާން އެވެ. ދެންތިބީ ރީހާނަށްވުރެ ކުޑަ ދެއަންހެން ކުދިންނެވެ. އެކުދިން އަދި ކިޔަވަނީއެވެ.

ވާރޭ ތުނިކޮށްލުމުން މީހުން ކޮޅުކޮޅަށް ހިނގައިގެންފިއެވެ. އަސްކަނިތައް ދަށުގައި ތިބި ޒުވާނުންތައްވެސް ނުކުމެ ސައިކަލްތަކަށް އަރައި ބާރުބާރަށް ދުއްވަން ފަށައިފިއެވެ. ޓްރެފިކް ލައިޓްތަކުގައިވެސް ތިބޭ އިރު ހީވަނީ މަރު ކުޑަތަންވެގެން އުޅޭ ހެންނެވެ. ލައިޓްތައް ދިއްލޭ ތަރުތީބު ހިތުދަސްވެފައި ތިބޭ ޒުވާނުން ރަނގަޅަށް ލައިޓް ނުދިއްލެނީސް ހުރިވަރެއް އަރުވާލާފައި ދުއްވާލައެވެ.

ބާރު އަޑުފައްގަނޑެއް އިވުމާއި އެކު ރީހާންއަށް އަނެއްކާވެސް މަގުމަތީގައި ޖަހާފައި ހުރި ޓްރެފިކްލައިޓާއި ދިމާއަށް ބަލާލެވުނެވެ. އޭނާ ހުރީ ހަތަރުވަނަ ބުރީގެ ބެލްކަނީގައި ކަމުން ބާރު ދުވެލީގައި އައި ސައިކަލެއް ކަހާލައިގެން ގޮސް ފާރުގައި ޖެހިމަތަވިތަން ފެނުނެވެ. އެސައިކަލުގެ ފަހަތުން އައި ކާރުވެސް ކޮންޓްރޯލް ނުވެ މަގު އޮތްގޮތަށް ފައިބައިގެން ދިޔައިރު އެކާރު ދިޔައީ ސައިކަލުން ވެއްޓުނު ދެޒުވާނުންގެ ތެރެއިން އެކަކުގެ ގައިމަތީންނެވެ.

މީހުންތައް ހަޅޭ ފަޅޭ ޖަހައިގެންފިއެވެ. އެތަނަށް ޖަމާވެއްޖެއެވެ. ރީހާންގެ މޭތުރު ތުރުއަޅައިގަތެވެ. އަތްފައި ފިނިވެގެން ދިޔައެވެ. އަނެއްކާވެސް ޒުވާނެއްގެ ދުވަސް ދިޔައީ އެވެ. އާއިލާއެއް ހިތާމައިގެ ތެރެއަށް ގެނބިގެންދިޔައީ އެވެ. މައިންބަފައިންނަށް ނިމުމެއް ނެތް ހިތާމައެއް ލިބުނީއެވެ.

ރީހާންގެ ސިކުނޑީގައި އެނބުރިގަތީ މީގެ ހަތަރު އަހަރު ކުރިން އައި މިފަދަ ދުވަހެކެވެ. އޭނާގެ ހަޔާތް ބަދަލުވެގެން ދިޔަ ދުވަހެވެ. ކިޔަވައި ނިމި ވަޒީފާއަށް ނުކުތްތާ އޭރުވީ ހަމަހެވެ. ފުރަތަމަ މަހުގެ މުސާރައާއި އެކުވެސް އޭނާ ނަގަން ބޭނުންވީ ސައިކަލެކެވެ. ދެން އަގު ބޮޑު ފޯނެކެވެ. ގޭގެ ކުލި ނުދެއްކިގެން ކަރަންޓާއި ފެންބިލް ނުދެއްކިގެން ބައްޕަގެ ބޯހާސްވެފައި ހުއްޓަސް ރީހާންއަކަށް އެއިން ކަމެއް ބޮޑެއް ނޫނެވެ. އޭނާވެސް އުޅޭން ބޭނުންވީ މިޒަމާނުގެ އެހެން ފިރިހެނުންވެސް އުޅޭ ގޮތަށް ޗާލާކީ ދިރިއުޅުމެކެވެ. އެހެން ކަމުން އޭނާ ހޯދަން ބޭނުންވާހައި ތަކެތި ހޯދައި ނުނިމޭތީ މައިންބަފައިންނަށް އެއްޗެއް ދިނުވެސް ފަހަށް ޖައްސައިލީއެވެ.

އެއީވެސް މިކަހަލަ ވިއްސާރަ ދުވަހެއްގެ  ހެނދުނެކެވެ. ރީހާން އޮފީހަށްދާން ނުކުތީވެސް ދުމެއްޖަހާފައި ގޮސްގެން ނޫނީ ގަޑި ނުޖެހި އޮފީހަށް ނުދެވޭހައި ވަގުތު ކުޑަން ވުމުންނެވެ. އެއީ އެދުވަހު އެކަނިކަމެއް ނޫނެވެ. ސައިކަލު ލިބުނު ފަހުންވެސް ރީހާން ކަން ކުރަމުން އަންނަ ގޮތެވެ.  ބާރު ބާރަށް ސައިކަލް ދުއްވުމަކީ އޭނާ ނުހަނު އުފާވާ ކަމެކެވެ.

ރީހާން ޓްރެފިކްލައިޓަށްވެސް މަޑުކުރަނީ ދެން މަޑުނުކޮށް ވާންނެތިގެންނެވެ. އެހެން ނޫނީ އޭނާދާނީ ލައިޓް ފަޅާފައެވެ. ޤަވައިދު މުގުރާފައެވެ. އެތައް ހާސްފަހަރަކު އޭނާ އެގޮތަށް ހިނގައްޖެއެވެ. ކަމެއް ނުވިއެވެ. ވީމާދެންވެސް ކަމެއް ނުވާނެކަމުގައި އޭނާ ޔަޤީން ކުރެއެވެ.

ކުއްލިއަކަށް އޮއްސައިގަތް ވާރޭގަނޑުން ސަލާމަތް ވުމަށް ރީހާން ސައިކަލުގެ މުއްގަނޑު އަނބުރާލީ ވަކިވަރެއް ބަލާފައެއް ނޫނެވެ.  އަނެއްކޮޅުން މަގުގައި ހުރި ލައިޓް އޮރެންޖްވުމާއި، ދެން ދިއްލޭނީ ރީހާން ހުރިކޮޅުގެ ލައިޓްކަން އެނގޭތީ އޭނާ ސައިކަލް މަޑުވެސް ކޮށްނުލިއެވެ. މަގުގެ އަނެއްފަރާތުން އޮރެންޖްވި ލައިޓު ހުރަސްކޮށްފައި އައި ސައިކަލާއި ރީހާން އިން ސައިކަލް މުޑިއެރުމާއި އެކު ދެސައިކަލް ވިއްސައިގެން ދިޔައީ ދެ ދިމާއަށެވެ. ފުނޑުފުނޑުވެގެންނެވެ. ރީހާންވެސް ވެއްޓުނީ މަގުމެދަށެވެ. ވިއްސައިގެން ގޮސް ވެއްޓެމުން ދަނިކޮށް ރީހާން އައި ފަޅީން ލައިޓް ފެހިކުލައިގައި ދިއްލުނު މަންޒަރު ރީހާންއަށް ފެނުނެވެ. އެންމެ ފަޅި ސިކުންތަކަށް ލައިޓުގައި މަޑުކޮށް ނުލެވުމުން ވީގޮތޭ ރީހާންގެ ހިތަށް އެވަގުތުވެސް އެރިއެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ރީހާންއަށް ހޭވެރިކަމެއްވެސް ވީ ދެތިންމަސް ވީފަހުންނެވެ.  އޭގެކުރިން އޭނާ އޮތީ ކޯމާގައެވެ. އެކްސިޑެންޓްވި އަނެއްކުއްޖާ ވަގުތުން މަރުވި އިރު، ރީހާންވެސް މަރުވުމާއި އެއްފަދަވިއެވެ. ކަނދުރާ ބިނދުމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑު ޕެރަލައިޒްވީއެވެ. އަލުން ހިނގައި ބިނގައި ހަރަކާތްކޮށް އުޅުމުގެ އެއްވެސް ފުރުޞަތެއް އޭނާއަކަށް ނެތެވެ.  ކޮންމެ ކަމެއްވެސް އޭނާއަށް ކުރެވެނީ ކޮންމެވެސް މީހެއްގެ އެހީގައެވެ.

ރީހާން އެންމެ ހިތާމަ ކުރާ ކަމަކީ  މައިންބަފައިންނަށް އޭނާގެ ފުށުން ފަސޭހަ ވާންވީ ދުވަހު އެމީހުންނަށް އޭނާއަކީ ބުރައަކަށް ވުމެވެ. ކިތަންމެ ނުބުނަން ހުއްޓަސް ބައެއް ފަހަރު އެފަދަ އިހުސާސްތައް ކުރެވޭ ބަސްބަސް ބައްޕަގެ ދުލުންވެސް އަޑު އިވެއެވެ.

ރީހާންއަށް ކުރަންޖެހޭ ޚަރަދާއި، އުފުލައިގެންގުޅުމާއި ފެންވަރުވައި ތާހިރުކޮށް ހަދައިދޭނެ މީހަކު ބައްޕަ ނޫނީނެތެވެ. އާމުދަނީ ހޯދުމަށް ބައްޕަކުރާ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސް އެޅޭއިރު، ބައްޕައަށް އާދެވުނު އިރަކުން އާދެވެންދެން  ރީހާން ހުންނަންޖެހޭނީ ނުތާހިރާއެވެ.

މިހިތާމަވެރި ހާލަށްވުރެ މަރުވުންވެސް ރިހާންއަށް ރަނގަޅެވެ. އެކަމަކު އޭނާގެ ހަށިގަނޑުގައި އަމިއްލައަށް މަރުވެވޭނެ ވަރުގެ ކުޅަދާނަކަމެއްވެސް ނެތެވެ. މިއަދު މިހާލަތަށް ވެއްޓުމުން ރީހާންއަށް ކަންކަން ވިސްނިއްޖެއެވެ. ޤަވައިދު ތަކަށް ހުރުމަތް ތެރިކޮށް ހިތުމުގެ މުހިއްމު ކަމެވެ. ފަޅި ސިކުންތަކުންވެސް މުޅ ދިރިއުޅުން ބަދަލުވެދާނެ ކަމެވެ. އެތައް ހާސްފަހަރަކު ޓްރެފިކް ލައިޓް ފަޅާލާފައި ސަލާމަތުން އޭނާއަށް ދެވުނަސް ނުދެވުނު އެންމެ ފަހަރަކުން އޭނާގެ މުޅި ޒިންދަގީ ހަފުސްވީއެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް ގެއްލުނީއެވެ. ބޭކާރު މީހަކަށްވީއެވެ.

މިއަދު ރީހާން އަކީ، ދިރިހުރި މައްޔިތެކެވެ. އޭނާއަށް އިހްސާސް ވަނީ އެގޮތެވެ. އެއާއި އެކު ދިރިއުޅުމުގައި ފަޅި ސިކުންތަކީވެސް އޭގެ ވަގުތުގައި ކަންކަން ކުރުމާއި އިހްތިރާމް ކުރުމުގައި ކިހާ މުހިއްމު އެއްޗެއްކަން އޭނާއަށް ވިސްނުނެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ.


-ނިމުނީ-

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް