ކުށްކުރާ ކުޑަކުދިން އަދި ކުށުގެ ތުހުމަތު އޮންނަ ކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެ ކުދިންނާ މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި ގެޒެޓްކޮށްފިއެވެ.
އެގޮތުން މި ގަވާއިދުގައި، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމަށް ހަތަރު ގިންތިއަކަށް ބަހަލާފައިވެއެވެ. އެއްވަނަ ގިންތި އަކީ ކުށުގެ ވެއްޓެއް އޮވެ، އެ ވެށީގެ ސަބަބުން ކުއްޖާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިދާނެ ބާވަތުގެ މައްސަލަތަކެވެ.
މި ބާވަތުގެ މައްސަލަތަކުގައި ސީންއަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިސަރެއް ހާޒިރުވެ ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންވެގެން ވެއެވެ.
ދެވަނަ ގިންތި އަކީ ކުށުގެ ވެއްޓެއް އޮވެ، އެ ކުށުގެ ވެއްޓަށް ފުލުހުން ހާޒިރުވާން ޖެހޭ މައްސަލަތަށް ކަމުގައި ހާމަކޮށްފައި ވެއެވެ.
މިފަދަ މައްސަލަތަކުގައި ކުށަށް ހުށަހެޅުނު ކުއްޖާގެ އުމުރާއި މައްސަލައިގެ ބާވަތަށް ރިއާޔަތް ކުރާއިރު، ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ކުށުގެ ވެއްޓަށް ދިއުމަށް އައްޔަނު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ތިންވަނަ ގިންތީ އަކީ ކުށުގެ ވެއްޓެއް ނެތް ނަމަވެސް، ކުޑަކުދިން ކުރާ ކުށްތަކުގެ ތެރެއިން ޖިނާއީ ކުށަކަށް ވުމުގެ ފުރުސަތު އޮތް މައްސަލަތަކުގެ ތެރެއިން ފުލުހުން އެތަނަށް ހާޒިރުވެގެން ކުރިއަށް ގެންދަން ޖެހޭ މައްސަލަތައް ކަމުގައި ބުނެފައި ވެއެވެ.
އަދި ހަތަރުވަނަ ގިންތިއަކީ ކުށުގެ ވެއްޓެއް ނެތް އަދި މައްސަލަ ހުށަހެޅުމުގެ ކުރިން ހިނގާފައިވާ މައްސަލަތަށް ކަމުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ވަގުތުން ކުރަން ޖެހޭ ކަމެއް ނެތް މައްސަލަތަށް ކަމުގައި ބުނެފައި ވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ބަންދުކުރާ ނުވަތަ ހައްޔަރުކުރާ ކުދިން ވެސް ތިން ގިންތިއަކަށް ބައިކުރަން ޖެހެއެވެ.
މިގޮތުން އެއްވަނަ ގިންތީގައި ހިމެނެނީ ނުރައްކާތެރި ކުށްތަކާއި، ނުކިޔަމަންތެރިކަން ދައްކާ އަދި ސެކިއުރިޓީގެ ގޮތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކުދިން ކަމުގައި ބުނެފައި ވެއެވެ.
ދެވަނަ ގިންތީގައި ހިމެނެނީ ސިއްހީ ގޮތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކުދިންނާއި، ބަލީގެ ގޮތުން އެހެން ކުދިންނާ ވަކިން ގެންގުޅެން ޖެހޭ ކުދިން ކަމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ތިންވަނަ ގިންތީގައި، މުޅިން އަލަށް ނުވަތަ ކުށެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރާ ކުދިން ހިމެނެއެވެ. އެގޮތުން މިކުދިން ބައިތިއްބަން ޖެހެނީ ތަކުރާރުކޮށް ކުށްކުރާ ކުދިންނާ ވަކިން ކަމުގައި ގަވާއިދުގައި ބުނެފައި ވެއެވެ.
ގަވާއިދު ބުނާގޮތުން ކުށުގެ ވެށީގައި ހިމެނޭ ކުޑަކުދިން ހައްޔަރުކުރުމާމެދު ގޮތެއް ނިންމަން ޖެހޭނީ އެ ކުށުގެ ވެށި ހިމެނޭ މައްސަލަ ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެންމެ އިސް ފަރާތެވެ.
އަދި ގާނޫނާ ހިލާފު އަމަލެއް ކުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ ވީ އެންމެ އަވަހަށް ކުއްޖާ ދޫކޮށްލާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
ކުއްޖާ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކުރުމަށްފަހު އެކަން ކާމިޔާބު ނުވެއްޖެނަމަ ބާރުގެ ބޭނުން ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަދި ތަހުގީގަށް ކުދިންނާ ސުވާލުކުރަން ވާނީ ވެސް އެކުއްޖާގެ ބެލެނިވެރިޔެއް ނުވަތަ މަސްލަހަތު ހިމެނޭ މީހެއްގެ ހާޒިރުގަައި ކަމަށްވެސް ވެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު އެކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެކުއްޖާއަށް ފިޔަވަޅު ނާޅައި ފުރުސަތު ދިނުން ކަމަށްވާނަމަ، އެ ފުރުސަތު ދޭން ވާނެ ކަމަށް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް