ބަލިވުމުން ހޮސްޕިޓަލް ނުވަތަ ސިއްޙީފަރުވާ ދޭ ތަންތަނަށް ގެންގޮސްގެން ފަރުވާ ދިނުމަކީ އާންމުކަމެކެވެ. ގިނަ ބަލިތަކަކީ މިހެން ހޮސްޕިޓަލުގައި ފަރުވާދީގެން ރަގަޅުވެސް ކުރެވޭ ކަންކަމެވެ. ނަމަވެސް ބައެއް ބަލި، އަނިޔާ ނުވަތަ ޞިއްޙީ ޙާލަތްތަކަކީ ހޮސްޕިޓަލުން ބޭރުގައިވެސް ގިނަ ދުވަހަށް ޚާއްސަ އަޅާލުން ބޭނުންވާ ކަންކަމެވެ. ނަމަވެސް މިހެން ދިމާވާ ޙާލަތްތަކުގައި އެކަމަށް ބޭނުންވާނެ އެކިއެކި އާލަތައް ރާއްޖެއިން ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިސާލަކަށް މައިބަދައަށް ގެއްލުމެއް ލިބިފައިވާ މީހަކު ވަކި ކަހަލަ އެނދެއްގައި ނިދަން އިރުޝާދު ދީފިނަމަ އެފަދަ އެނދެއް މާލެ އިން ހޯދުން އެހާ ފަސޭހަ ނުވެދާނެއެވެ.
ނަމަވެސް މިކަމަށް ވަރަށް ފުރިހަމަ ހައްލެއް ގެނެސްދޭނެ ޝޯރޫމެއް މިރޭ މާލޭގައި ހުޅުވައިފިއެވެ. އެސިސްޓެޑް ލިވިންގއަކީ ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ވަރަށް ގިނަ ޙާލަތްތަކުގައި ބޭނުންކުރުމަށް ޚާއްސަ އާލާތް ވިއްކާ ޝޯރޫމެކެވެ. އެސިސްޓެޑް ވިލިންގ އިން ލިބެން ހުންނަ ބައެއް ސާމާނު ތަކަށް ބަލާލާއިރު ފާހަގަ ކޮށްލެވެނީ، ހޮސްޕިޓަލުގައި ބޭނުން ކުރާފަދަ އެނދުތަކާއި، އިލެކްޓްރިކް އަދި މެނުއަލް ވީލް ޗެއަރއާއި، ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑުގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ނުވަތަ ނިދުމުގެ މައްސަލަތައް ހުންނަ މީހުނަށް ޚާއްސަ މެޝިން ފަދަ، ގިނަފަހަރަށް ރާއްޖެއިން ލިބެން ނުހުންނަ ތަކެއްޗެވެ. މިތަނުން ވިއްކާ އިލެކްޓްރިކް ވީލްޗެއަރ އާއި މެކޭނިކަލް ނުވަތަ ޚާއްސަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކުރުމުގެ ޚިދުމަތްވެސް އެސިސްޓެޑް ލިވިންގ ގެ ފަރާތުން ދިނުމަށް ތައްޔާރީތައްވަމުން ދާކަން އެފަރާތުން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ދާއިމީ ބޭނުމަށް ނުވަތަ ތެރަޕީއަށް ބޭނުންވާނެ ފަދަ ޙާއްސަ ބާލިސް ލިބެންހުންނާނެއެވެ.
މާލޭގެ އިމާރާތްތައް ހުންނަ ގޮތުން، ލިފްޓް ނުހުންނަ ޙާލަތްތަކުގައި ، މަތީ ފަންގިފިލާއެއްގައި އޮންނަ ބަލި މީހަކު ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު އިމާރާތުގެ ތިރިއަށް ބޭލުމަށް ނުވަތަ މައްޗަށް ގެންދިއުމަކީ ވަރަށް ދަތި ކަމެކެވެ. އެމަޖެންސީ ޙަލަތުގައި ލިފްޓްނެތް އިމާރާތަކުން ބަލި މީހާ ނުވަތަ ޙާއްސައެހީއަށް ބޭނުންވާ މީޙާ ބޭލުމަށް ބޭނުންކުރާ ޙާއްސަ ޢާލަތްތަކަކީ އެސިސްޓެޑް ލިވިންގްގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޕްރޮޑަކްތަކެކެވެ. މީގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ގޭގައި ބަލަހައްޓާ ނުވަތަ އަޅާލަން ޖެހިފައިވާނަމަ އެފަދަ ފަރާތްތަކަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު މި ޝޯރޫމުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެއާއި ފާޚާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލައަށް އެނދަށް އަރާ ފައިބަން އެހީތެރިވާނެ ސާމާނު ހިމެނެއެވެ. މީގެ އިތުރުން ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާގެ އަދި ވޯކާރ ފްރޭމްސް ފަދަ ވަރަށް ގިނަ ވައްތަރު މިތަނުން ލިބެން ހުންނާނެއެވެ.
އެސިސްސްޓެޑް ލިވިންގ އިން ވިއްކާ ޚާއްސަ ތަކެތީގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝަދުދޭ ގާރޑު ނުވަތަ ބްރޭސަސް ގެ ބްރޭންޑް ހިމެނެއެވެ. މިތަނުން ވިއްކާ ސާމާނަކީ އާންމުކޮށް ބޭނުން ނުކުރާ އަދި ލިބެން ނުހުންނަ ތަކެއްޗަށް ވާތީ، މި ފަދަ ސާމާނު އެންމެ ފުރިހަމަ އަށް ބޭނުން ހިފޭގޮތަށް އެތުރޭނެ ގޮތް، މިތަނަށް އަންނަ މީހުނަށް ދައްކާލުމަށް ބެހެއްޓިފައި އެބަ ހުއްޓެވެ.
މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި (އައި.ޖީ.އެމް.އެޗްގެ ކުރިމަތިން) ހުންނަ މި ޝޯރޫމް މިރޭ ރަސްމީކޮށް ހުޅުވައިދެއްވީ، ސެނަހިޔާގެ ޕަލްމޮނޮލޮޖިސްޓް ޑޮކްޓަރު ފާލިހުއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާއި، ޖަމްޢިއްޔާ ތަކާއި، އެފް.އޭ.އެމްގެ ޑޮކްޓާރ އަދި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޕުލްމޮނޮލޮޖިސްޓް އަދި އޯރތޮޕެޑިކް ފަދަ ސްޕެޝިއަލިސްޓް ޑޮކްޓަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝޯރޫމް ހުޅުމުގެ ހަފްލާގައި އެސިސްޓެޑް ލިވިންގ ގެ ފަރާތުން ވަނީ، މި ހަފްލާއަށް ވަޑައިގަތް ފަރާތްތަކަށް ޝޯރޫމްގެ ޓުއަރއެއް ދީ މިތަނުން ވިއްކާ ސާމާނުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ.
މިޝޯރޫމުން ވިއްކާ ބައެއް ބްރޭންޑް ތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އަދި ގިނަ ބައެއްގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބްރޭންޑްތަކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބްރޭންޑް ތަކުގެ ތެރޭގައި ޓެނާ ، ޗާރޗް އެންޑް ޑްވައިޓް ، ބީ.އެމް.ސީ ، ސޮފްޓް ޓަޗް ، ތުއަސްނޭ ، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް