ފުލުހުންގެ ތަމްރީނު މަރުކަޒަކީ އިންޑިއާ އަސްކަރީ ޕްރެޒެންސް ރާއްޖޭގައި އިތުރު ކުރުމަށް ހުޅުވި އިތުރު ދޮރެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެެ.
އެގޮތުން އުމަރު ވިދާޅުވީ އައްޑޫގައި ހުޅުވިގެންދިޔަ ފުލުހުންގެ ތަމްރީނު މަރުކަޒު ފަރުމާކުރެވިފައިވަނީ އިންޑިއާ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުންކުރެވޭގޮތަށް ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އެޅި ޕޮލިސް އެކަޑަމީ ނުވަތަ “ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް” ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިކަމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑު ތަށް ބޭނުން ކޮށްގެން ކަމަށާއި މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެއް ކަމަށެވެ.
" ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް، އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވަނީ އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު ޝައްކެއްނެތްކަމަށެވެ. އަދި ރާއްޖޭގައި މި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަން އަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި ކަމަށާއި މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާ ގެ އުޅަދު ތަކަށް ފާރަލުމާ އެކު އިންޑިޔާކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށެވެ.
ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން ކަމަށާއި އަދި އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުން ކަމުގައި އުމަރު ވިދާޅުވިއެވެ. އަދި އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތްކަމުގައިވެސް އުމަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް