ގަސްދުގައި ގޯސް ހަދާ ފުލުހުން ފުލުހުންގެ މުއައްސަސާގައި އެބަތިބި ކަމަށް އެނާޓީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވި ނަމަވެސް އެފަދަ ފުލުހުން ނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ ދޮގު ހައްދަވަނީ މިތަނުން ކޮން ވަޒީރެއްތޯ ބެލުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މިޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަން މަޖިލީހުގެ 18 މެންބަރުން ވޯޓް ދެއްވިއެވެ. މައްސަލަ ބޭރުކޮށްލަން ވޯޓް ދެއްވީ 13 މެންބަރުންނެވެ. މައްސަލަ ބަހުސްއަށް ދިއުމަށް ބޭނުންވަނީ 16 މެންބަރުންގެ ވޯޓުކަމުން ރިޔާސަތުން ނިންމެވީ ބަހުސަށް ދިއުމަށެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅަމުން އާދަމް ޝަރީފް ވިދާޅުވީ ފުލުހުންގެ ތެރޭގަ އާއި އެހެން އިދާރާތަކުގައި ވެސް ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލު ކުރުމުން ގަސްތުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ވަޒީރު ދޮގު ހައްދަވާނަމަ ސަރުކާރަށް އޮންނަ އިތުބާރު ގެއްލި ވެރިކަން ވަރަށް ބޮޑަށް ބަލިކަށިވެ، ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަން ވެސް ވަޒީރުންނަށް ވެސް ނޭނގޭކަން ހާމަވެގެންދާ ކަމެއްކަމަށެވެ.
އެހެންކަމުން އިމްރާން ނުވަތަ ރިއްފަތު މަޖިލީހަށް ދޮގު ހަދާފައިވާ ކަމަށާއި ދޮގު ހެދި ބޭފުޅަކު ދެނެގަތު އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.
އާދަމް ޝަރީފް ހުށަހެޅި މައްސަލަ އަށް ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުން ނުބަލައި ދޫކޮށްލެވިގެން ވާނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި ވަޒީރަކު ދޮގު ހެދުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައި ގަތުން ކަމަށް ވެސް އީވާ ވިދާޅުވިއެވެ. ގަސްތުގައި ގޯސް ހަދާ ފުލުހުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ތިބިއިރު އެކަން ނުބަލައި ދިވެހި ފުލުހުން އެހެން ނުހަދާނޭ ކުއްލިއަކަށް ނުބުނެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އޭގައި ހަގީގަތެއް ނެތި އެވަރުގެ ވާހަކައެއް އެޓާނީ ޖެނަރަލް ވިދާޅެއް ނުވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް