ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާރަށުގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގަ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން އާރަށުގައި ބަންދުގައި ބަހައްޓާފައި ވަނީ 2010 ވަނަ އަހަރު އެވެ. ރައީސް ޔާމީން އޭރު ހައްޔަރުކޮށް އެ ރަށުގައި ބެހެއްޓެވީ ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނެ ހައްޔަރު ކުރުމުން ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައި އެވެ. އެކަމަކު ޝަރީއަތް ކުރިޔަށް ގެންދާނެ ކަމެއް ނޭނގެ އެވެ އެއީ ޖިނާއީ ދައުވާތަކުގެ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭތީ އެވެ.
ދައުވާ ރައްދުވާ ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔާތް ހޯއްދަވައިގެން އެ ގައުމުގައި އެވެ. އެކަމަކު މިވަގުތު ހުންނެވީ އަވައްޓެރި ސްރީލަންކާގައި އެވެ.
ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކި މައްސަލައިގަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް