މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ޕީޕީއެމްއިން ވަކިކޮށްފި އެވެ.
އޭނާ އެ ޕާޓީން ވަކި ކުރީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓުގައި މަސީހު އާއި ދެކޮޅަށް ވޯޓުލާން ނިންމުމުން ނެވެ. އަމީތު ވިދާޅުވެފައިވަނީ އޭނާ ވޯޓުލާނީ މަސީހު އާއި ދެކޮޅަށް ކަމަށާއި ހުރިހާ މެންބަރުންވެސް ބިރު ނުގަނެ ގައުމުގެ ދިފާއުގައި ނިކުތުމަށް ގޮވާލާ ކަމަށެވެ. އަދި ބިރު ގަންނަންވީ މާތް ﷲ ދެކެ އެކަނި ކަމަށް އަމީތު ވިދާޅުވެފައިވެ އެވެ.
އެ މައްސަލައިގަ މިއަދު ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް އަމީތު ހާޒިރުކޮށް ސުވާލުކޮށްފަވެ އެވެ. ޕީޕީއެމް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މެޖޯރިޓީ އޮންނަ ސުލޫކީ ކޮމިޓީން ބުނީ އަމީތުގެ ފަރާތުން ދެ ބޭފުޅެއްގެ ނަން ނުފޮނުވި އިރު ކޮމިޓީއަށް ހާޒިރުވެ ޖަވާބު ދާރީވެފައި ނުވާ ކަމަށެވެ.
އެ ކޮމިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަމީތު ޖަވާބު ދާރީ ނުވުމުން މައްސަލަ ކުރިޔަށް ގެންދިޔައީ ކޮމިީގެ ފަސް މެންބަރުންގެ ހާޒިރުގައި ކަަމަށެވެ.
މިކަމާއި ގުޅިގެން އަމީތު ޓުވީޓާގައި ވިދާޅުވެފައިވަނީ ސުވާލުތަކަށް ޖަވާބު ނުދިނީ ކޮމިޓީގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭތީ ކަމަށެވެ. އަދި އަމީތު ވަނީ އޭނާއަށް މައްސަލައިގަ ދިފާއުވުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ ކިބައިން އެދިފައި އެވެ.
https://twitter.com/MohamedAmeeth/status/846648130879696897
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އޭނާ ވިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ
ސަރުކާރާއި ޕީޕީއެމް ބަދުނާމު ވާގޮތަށް އަމީތު ވާހަކަ ދެއްކެވުން
އިއްޔެ ނެގި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން
ޕީޕީއެމްއިން އެ މައްސަލައިގަ ވަކި ގޮތަކަށް އަމަލު ކުރަން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ދެކޮޅުކަން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ކުރުން
މީގެ ކުރިންވެސް އެ ޕާޓީގެ ނިންމުންތަކާއި އަމީތު ހިލާފުވެފައި ވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް