ބޭނުން ކޮންމެ ވަގުތަކު މަޖިލީހަށް ވެންނެވުމުގެ ފުރިހަމަ އިހްޔާރު ޗީފް އޮފް ޑިފެންސް ފޯސް އަށް ލިބިގެންވޭ: ޑިފެންސް

ބޭނުން ކޮންމެ ވަގުތަކު މަޖިލީހަށް ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިހްތިޔާރާއި ބާރު ޗީފް އޮފް  ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަށް ލިބިގެންވާކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. އެ މިނި...

28 Mar 2017 | 09:09

ބޭނުން ކޮންމެ ވަގުތަކު މަޖިލީހަށް ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިހްތިޔާރާއި ބާރު ޗީފް އޮފް  ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަށް ލިބިގެންވާކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދިވެހި ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް، ދަންވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރާ ގުޅޭގޮތުން ނެރެފައިވަ ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި "ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ސަލާމަތީ ހިދުމަތްތަކުންނެވެ." ބަޔާން ކޮށްފައި އޮންނަ އޮތުމާއި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މި ދެންނެވި މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރަށް މަތިކޮށްފައިވާތީއާއި، ސިފައިންގެ ގާނޫނުނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ދިފާއީ ކަންތައްތައް ރާވާ ހިންގުމާއި ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ އެންމެ އިސްވެރިއަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށެވެ.

އަދި އެހެން ކަމަށްވާތީ އާއި އަދި ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ ގޮތާއި، ސިފައިންގެ ލަޔާގަތާއި ގާބިލިއްޔަތު އިތުރުކޮށް ދެމެހެއްޓުމަށާއި، އެކަންތައްތައް އަދާކުރާގޮތް ބެލެހެއްޓުމަށާއި، ޖަވާބުދާރީ ވުމަށްޓަކައި އެކުލަވާލަން ޖެހޭ އުސޫލުތަކާއި ނިޒާމްތައް އެކުލަވާލުމާއި، މިކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަކީވެސް ޗީފް އޮފް ޑިފެންސް ފޯސްގެ ގާނޫނީ މަސްއޫލިއްޔަތުތަކަށްވާތީ، ދިވެހިރާއްޖޭގެ ދިފާއީ ބާރުން ސަލާމަތީ ކަންކަން ބަލަހައްޓާ ކޮންމެ ތަނަކަށް އަދި ކޮންމެ މަރުކަޒަކަށް ޗީފް އޮފް ޑިފެންސް ފޯސް ބޭނުންފުޅުވެލައްވާ ކޮންމެ ވަގުތަކު ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިހްތިޔާރާއި ބާރު ޗީފް އޮފް ޑިފެންސް ފޯސް އަށް ލިބިގެންވާކަމުގައި އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް