މިދުވަސްވަރަކީ އުމްރާގެ އަޅުކަން ނިންމާލުމަށްފަހު މީހުން އެނބުރި އަންނަ ދުވަސްވަރެއް ކަމުގައިވުމާއި، މިދުވަސްވަރު އަރިދަފުސް ރޯގާއާއި ވައިރަލް ހުން ރާއްޖޭގައި ފެތުރެމުން ދާތީ، އުމްރާއިން އަންނަ މީހުން ބައެއް ކަންކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުމަށް އެޗްޕީއޭ ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި، ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ލިބެމުންދާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އޭގެ އިތުރުން އަރިދަފުސް ރޯގާޖެހިފައިވާނަމަ ކެއްސާ، ކިނބި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި އަދި އާއްމު ސާފުތާހިރުކަމަށް ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުމާއި ގިނަގިނައިން އަތް ސާފުކުރުމާއި ވަނީ އިލްތިމާސްކޮށްފައެވެ.
ރޯގާ ޖެހި ކެއްސާނަމަ، މީހުން އުޅޭ ތަންތަނަށް ނުދިއުމާއި އެހެން މީހުންނާ ވީހާވެސް ދުރުވެ އުޅުމަށްވެސް ވަނީ އެޗްޕީއޭ އިން އެދިފައެވެ.
މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 199 އަކަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 6ކަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް