ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ފައިސާ ފޭރިގެންފައިވަނީީ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ވޮޗަރުންނަށް ތޫނު އެއްޗަކުން ބިރުދައްކައި، އެމީހުންގެ ދެ އަތް ބަނުމަށް ފަހުގައެވެ.
މި މައްސަލައިގެ ޝަރީއަތްތައް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދައުވާ އުފުލާފައިވަނީ ފ. މަގޫދޫ ދިއްގަރު މުހައްމަދު ފައިރޫޒު އާއި ގއ. ކޮނޑޭ ސީނުގޭ އަލީ ޝަނީޒުގެ މައްޗަށެވެ.
ވެސްޓާން ޔޫނިއަންތެރެއިން ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައިކަމަށް ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު ނުވަތަ 4.9 މިލިއަން ރުފިޔާއެވެ.
މިމައްސަލާގައި ގެއްލުނު ފައިސާ ހޯދަމުން ދަނިކޮށް ހ. ތާޅަފިލިގޭގެ ސިޑި ގޮޅިތެރެއިން ދަބަހެއްގެ ފުރައި ރައްކާކޮށްފައި ހުރި ފައިސާ ހޯދުނު ކަމަށާއި އާންމު ފަރާތްތަކުން މަގުމަތިން ހޮވައިގެން 500 ރުފިޔާގެ ފައިސާ ބޮނޑިތަކެއްވެސް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް ވެސްޓާން ޔުނިއަން އިން ގެއްލުނީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް