ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފޯނު އަތުމަށް ފަހު ދޫކޮށްލައިފި އެވެ.
އޭނާގެ ފޯނު ފުލުހުން އަތުލީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ރިޔާޒް އަށް ވަނީ މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި އެވެ.
މެންބަރު ރިޔާޒުގެ ފޯނު ފުލުހުން އަތުލީ ކޮން މައްސަލަ އަކާއި ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އަދި މިއަދު ހާޒިރު ކުރަނީ ކޮން މައްސަލައެއްގައި ކަމެއްވެސް ނޭނގެ އެވެ.
ރިޔާޒް ކޯޓު އަމުރެއްގެ ދަށުން ފުލުސް އޮފީހަށް ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ރޭ ކުރިއަށް ގެންދިޔަ ޖަލްސާ އަށް ވަޑައިގަންނަވަނިކޮށް މާވެޔޮމަގުންނެވެ. ރިޔާޒަކީ ފާޅުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
ރިޔާޒްގެ އިތުރުން މިދިޔަ ހަފްތާގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ ތިން ދުވަސް ތެރޭގައި ފަސް ފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ. ފާރިސް ވިދާޅުވީ އެކި ފަހަރު ދައްކަނީ އެކި ވާހަކަ ކަމަށާއި އެއްގޮތަކަށްވެސް ހާޒިރު ކުރެވެނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ސާފު ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް