ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް އިއްޔެ ކުރިޔަށް ގެންދިޔަ ޖަލްސާގައި އަމަލު ކުރެވިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތަށް ކަމަށް ހާމަވެއްޖެ އެވެ.
ޖަލްސާ ފެށުމަށް ފަހު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ވޯޓުލުން ކުރިޔަށް ގެންދާނެ ގޮތެއް ހުށަހެޅުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި އެވެ. ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވީ އަނގަބަހުން ވޯޓުލުމަށެވެ. އެގޮތަށް ވޯޓު ލުމާއި އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ އަޑުގަދަ ކުރުމުން ނަން އިއްވާ އިދިކޮޅު ފަރާތްތައް ބޭރު ކުރުމަށް ފަހު ހަމަ އެކަނި ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ ވޯޓުގައި ބައިވެރިވެ އެ ވޯޓު މަސީހު އާއި އެއްކޮޅަށް ފާސްކޮށްފައި އެވެ.
ރޭ ލީކުވި ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުގެ ސްކްރީން ސޮޓްތަކުން ފެންނަ ގޮތުގައި ރައީސް ޔާމީން ވަނީ އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައި ވިޔަސް އިއްޔެ އެ ވޯޓު ނެގުމަށް އަންގަވާފައި އެވެ. އެ މުއާމަލާތްތައް ކޮށްފައިވާ ގަޑިއަށް ބަލާއިރު އެއީ އިއްޔެ ވޯޓަށް އެހުމަށް ކުޑަތަން ވެފައިވަނިކޮށް ދައްކާފައި ހުރި ވާހަކަތަކެއް ކަން އެނގެ އެވެ.
އެގޮތުން ރައިސް ޔާމީން 1:06 ގައި ކުރައްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ އިއްޔެ ނެގި ވޯޓަކީ ރޯލް ކޯލް އަކަށް ވާތީ ބޭނުން ކުރަންވާ އިބާރާތް ވަރަށް ސާފުކޮށް ރިޔާސަތުން އޮޅުންފިލުވުމަށް އެދޭ ކަމަށެވެ.އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރި ގަޑީގައި ރައިސް ޔާމީން ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިަވނީ ވޯޓު ނެގުން ފަސްކޮށްގެން ނުވާނެ ކަމަށާއި ހަމަ އެގަޑީގައި ވޯޓު ނަގަން ޖެހޭނެ ކަމަށެވެ.
އިއްޔެގެ ވޯޓު ސަރުކާރު ކޯލިޝަނަށް ކާމިޔާބުވި ކަމަށް ކަނޑައެޅީ 48 ވޯޓުން މަސީހުއަށް އިތުބާރު އޮތް ކަމަށް ލިބުމުންނެވެ. މަސީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައި ނުގަންނަވައެވެ.
މަސީހުގެ އިތުބާރު އޮތް ކަމަށް ހޯމަ ދުވަހުގެ ޖަލްސާއިން ފާސްކުރީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 13 މެންބަރުންގެ ނަން އިއްވައި ގަދަކަމުން މަޖިލީހުން ބޭރުކޮށްލައިގެންނެވެ. ގިނަ މެންބަރުންތަކެއް ޖަލްސާ އިން ނެރުމުން، އިދިކޮޅު ހުރިހާ މެންބަރުން ވަނީ ޖަލްސާ ދޫކޮށް ބޭރަށް ނިކުމެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް