ނަޝީދު ރައީސްކަން ކުރުމުގެ ހިޔާލު ދޫކުރައްވައި ރަނިން މޭޓަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަން ކުރެއްވުމުގެ ހިޔާލު ދޫކުރައްވައި ރަނިން މޭޓަކަށް ވުމަށްވެސް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ފެކްޝަނުން ކުރައްވައިފި އެވެ...

28 Feb 2023 | 11:08

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަން ކުރެއްވުމުގެ ހިޔާލު ދޫކުރައްވައި ރަނިން މޭޓަކަށް ވުމަށްވެސް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ފެކްޝަނުން ކުރައްވައިފި އެވެ.

މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކަ އަކީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ވާހަކަ އެވެ. އަދި ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވޭ ގާސިމް އިބްރާހިމްއަށް އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ތާއީދު ކުރައްވާ ވާހަކަ އެވެ.

މި ވާހަކަތަކަށް ދެ ފަރާތުންވެސް ރަސްމީ ސިފައެއްގައި އެއްޗެއް ނުބުނެ އެވެ. އެކަމަކު މިއަދު ނަޝީދު ވަނީ ގާސިމްގެ އެޑްވައިޒަރެއް ކަމަށްވާ ކުރީގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ބައްދަލު ކުރައްވާފައި އެވެ. މި ބައްދަލުވުމުގައި ނަޝީދު ފެކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ނަޝީދު ރަނިން މޭޓަކަށް ނެރެން މަސައްކަތް ކުރައްވާ ކަމުގެ އިޝާރާތެއް ކުރެއްވީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އޭނާ މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އިންތިހާބު ކުރުން ކިހިނެތް ވާނެތޯ ސުވާލު ކުރައްވާފައި އެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ ރަނިން މޭޓަކާއި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައިފި ނަމަ އެ ޕާޓީއަށް ބަސް ބުނެވި، މަޝްވަރާ އާއި ލަފާ ދެވި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ކޯލިޝަނެއް ނުހެދިއްޖެ ނަމަ އެމްޑީޕީ އަށް ސަރުކާރަށް އާދެވޭކަށް ނެތެވެ. ނަމަވެސް ބައެއް ކަންކަން ދޫކޮށްލައިގެން ވިޔަސް އެމްޑީޕީގެ ހިއްސާއެއް އޮންނަ ސަރުކާރެއް އޮތުން މުހިންމު ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން މިމޭރުމުން ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތު ކުރެއްވުމުންނެވެ.

އަނދުން ހުސައިންގެ މި ތުހުމަތުތައް ނަޝީދު ދޮގު ކުރައްވާފައި އެއް ނުވެ އެވެ. އަދި ނަޝީދު ރަނިން މޭޓަކަށް ނުކުންނަވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ އާއި ހަސަން މިއަދު ދެއްކެވި ވާހަކަ އާއި ދެކޮޅަށްވެސް ނަޝީދު އެއްޗެސް ވިދާޅެއް ނުވެ އެވެ.

އެމަނިކުފާނު ވަނީ އަމިއްލަފުޅު ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް