ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ކުރިން، އަތޮޅުތެރޭ ކަނބަލުން ގައިން މީރުވަހެއް ނުދުވާ: ރާޝިދު

ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖެހިނަމަވެސް އަންހެން ބޭފުޅުންގެ ގައިން މާ މީރުވަހެއް ނުދުވާ ކަމަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ ...

28 Feb 2023 | 09:53

ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖެހިނަމަވެސް އަންހެން ބޭފުޅުންގެ ގައިން މާ މީރުވަހެއް ނުދުވާ ކަމަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

ރާޝިދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރާޝިދު ވިދާޅުވީ، ލޯނު ނަގައިގެންވިޔަސް ރަށްރަށުގެ ތަރައްޤީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މުހިއްމު ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރަށްރަށުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދާ ކަމުގެ މިސާލެއްގެ ގޮތުން ރާޝިދު ވިދާޅުވީ، ރަށްފުށުގެ ފެނުގެ ނިޒާމު ނެތިގެން އަނެކެއްޗެއް ނެތިގެން، ރަށްފުށުގައި ތިބި އަންހެންކުދިންގެ މޫނުމަތިން، މިއަދު ފެންލިބެން ފެށީމާ އެ ފެންނަ ޗާލުކަން ފެންނަ ކަމަށެވެ.

މީގެ އިތުރުން ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ކުރިން ޗަކަސް ފެނުން ފެންވަރަން ޖެހޭތީ އެބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނިކުތް ނަމަވެސް މީގެކުރިން އެބޭފުޅުންގެ ގަޔަކުން މާ މީރުވަހެއް ނުދުވާ، ކަމަށާއި މިއަދު ރީތި ފެނުން ފެންވަރާ ކަމަށް ރާޝިދު ވިދާޅުވެފައި ވެއެވެ.

މެންބަރު ރާޝިދުގެ ވާހަކަ އެހިސާބަށް ދިއުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ދިވެހި އަންހެން ބޭފުޅުންނަށް މުހާތަބުކޮށް އެހާ ބޭއަދަބީ ބަހެއް ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

މިގޮތުން ނިޒާމީ ނުކުތާއާއި ގުޅިގެން މެންބަރު ރާޝިދުގެ ވާހަކަ ހުއްޓުވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު، ވާހަކަފުޅު ދައްކަވާއިރު ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން، ކަމަށް ވިދާޅުވެ އިތުރު ފުރުސަތެއް ނުދެއްވާ ރާޝިދުގެ ވާހަކަ ހުއްޓުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް