ހިޔާ މަޝްރޫޢުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހު ކޮށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފި އެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން މިއަދު ބުނީ ސަރުކާރު ކުންފުނިތައް ހިމެނޭ ގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިޔުއެސްސީގެ ފަރާތުން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" މިއަދު އިފްތިތާހު ކޮށްފި ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ މަލަސް ރެސިޑެންސް ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ.
މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފަ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ދި 23 މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލ.ޓ.ޑ. އޮފް މިނެމެޓަލްސް' އާއި ހަވާލުކޮށްގެން ކަމަށެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ، މަލަސް ރެސިޑެންސުން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މިހާރު ވަނީ ތަޅު ދަނޑިހަވާލު ކުރެވި، މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ކަމަށެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ހިޔާ މަޝްރޫޢުގެ ސަބަބުން އެކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމުގަ އެވެ.
އަދި ސަރުކާރު ޙިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގުފަހި ކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމުގައިވެސް މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ފާހަގަ ކުރެއްވި އެވެ.
މަލަސް ރެސިޑެންސް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮނޮރަބަލް އަޙްމަދު ސަމީރު އެވެ.
މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙްގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރގެ އޮފިސަލުންވެސް ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް