2025 ގެ ނިޔަލަށް މެލޭރިއާ ނައްތާލުމަށް ބޫޓާންއިން އަމާޒު ހިފައިފި

މީގެ ކުރިން 2018 އާއި 2020 ގައި މެލޭރިއާ ނައްތާލުމަށް ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވުނު ބޫޓާންއިން މިހާރުގެ އަމާޒު ހިފާފައި މިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް މި ބަލި ނައްތާލުމެވެ. ބޫޓާންގެ ހެލްތ...

28 Feb 2023 | 07:30

މީގެ ކުރިން 2018 އާއި 2020 ގައި މެލޭރިއާ ނައްތާލުމަށް ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވުނު ބޫޓާންއިން މިހާރުގެ އަމާޒު ހިފާފައި މިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް މި ބަލި ނައްތާލުމެވެ.

ބޫޓާންގެ ހެލްތު މިނިސްޓަރު ދާޝޯ ޑެޗެން ވަންގްމޯ ވިދާޅުވީ ކޯވިޑް-19 ގެ ދުވަސްވަރު ދެކުނުގެ ބޯޑަރުގެ މައްސަލަތައް ދިމާވުމުން މެލޭރިއާ ނައްތާލުމަށް އެގައުމުގެ ކުރިއެރުންތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

2022  ވަނަ އަހަރު ބޫޓާނުން މެލޭރިއާ ޖެހިފައިވާ ނުވަ ކޭސް ރެކޯޑް ކުރެވިފައިވެ އެވެ. ނަމަވެސް އެ މައްސަލަތަކަކީ މުޖުތަމައުގެ މައްސަލަތަކެއްތޯ އެ މިނިސްޓްރީން ދަނީ ތަހުލީލު ކުރަމުންނެވެ. މެލޭރިއާ ނައްތާލުމަކީ ބަލި މުޅިން ނައްތާލުމެއް ނޫން ކަމަށް ނިއުސް ރިޕޯޓުގައިވެ އެވެ.

ބޫޓާންގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މެލޭރިއާ ނައްތާލުން ހާސިލް ކުރެވުނު ކަމަށް ބެލެވޭނީ މުޖުތަމައު ތެރޭގެ ކޭސް އުފެދުން ހުއްޓިގެން ކަމަށެވެ. އަދި އެލިމިނޭޝަން ސްޓޭޓަސް ހާސިލް ކުރިޔަސް އިމްޕޯޓް ކުރެވޭ ކޭސްތައް ރިޕޯޓް ކުރެވިދާނެ ކަމަށެވެ.

މީގެއިތުރުން މެލޭރިއާގެ ކޮންމެ މައްސަލައެއް ސިއްހީ އޮފިޝަލުން ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިން އާއި ސާވޭއެއް ފަދަ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޫޓާންގެ ހެލްތް މިނިސްޓްރީން ވަނީ އެ އަމާޒު ހާސިލް ކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން އިންޑިއާއާ އެކު ކޯޑިނޭޝަން ހަރުދަނާކޮށްފަ އެވެ.

ބޫޓާންގެ ހެލްތު މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެގައުމުން އަވަހަށް މެލޭރިއާ ނައްތާލެވޭނީ އެ މިނިސްޓްރީން ދޭ އިރުޝާދުތަކަށް މީހުން އަމަލުކޮށްގެން ކަމަށެވެ. މިނިސްޓަރު ވަނީ ބަލި ނައްތާލުމުގެ ފަރުދީ ޒިންމާ ކޮންމެ މީހަކުވެސް އުފުލުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް