ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަކަށް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އަންހެން ސެކިއުރިޓީ އޮފިސަރުން އަމަލުކުރާ ގޮތާ ގުޅޭ ގަރާރަށް ކުރެއްވި ބަހުސްގެ ތެރެއިން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ.
މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ އެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާގައި ނުވަތަ ކޮމިޓީގެ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދު މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް، އެކަންކަމާ މެދު ދެކޭ ގޮތް ހާމަކޮށް މަޝްވަރާ އާއި ލަފާ ދެވިދާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.
މިއަދުގެ ބަހުސްގައި މެމްބަރު ޝަފީގު ވިދާޅުވީ އަންހެން ސެކިއުރިޓީންނާއި ގުޅޭ ބައި އެކަނި އިތުރު ކޮށްލައިގެން ގަވައިދަށް ބަދަލު ގެނެސް ނިންމާލެވެން ނެތް ކަމަށެވެ. ރިޔާސަތުން ބަހުސްގައި ބައިވެރިވާ ކަމަށް މެންބަރުން ފާހަގަ ކުރާ މައްސަލަވެސް ގަވައިދެއްގެ ތެރެއިން ހައްލު ކުރަން ޖެހޭ ކަމަށެވެ.
އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކުގައި ދުވަހަކު ވެސް ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަށް ދެކުން އެއީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ.
އެ މަނިކުފާނުގެ މަސައްކަތްޕުޅު ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމަށް ކަމަށާއި އެ ދެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގެ ގަވައިދު ތަންދޭ ވަރަކުން ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ގިނަ ފަހަރަށް އެއްޗެއް ބުނެފައި ހުންނާނީ ތާރީހީ ނަޒަރަކުން ކަންކަން ހިނގާ ގޮތާ ގުޅޭ ގޮތުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމާއި ހަވާޅުވެވަޑައިގެންނެވި ފަހުން ބަހުސް ކުރަމުންދާ ބިލަކާއި ގުޅޭގޮތުން އެމަނިކުފާނުގެ ހިޔާލާއި ލަފާ ދެއްވާތ ީ19 ވަނަ މަޖިލީސް ފެށުނީންސުރެ މެމްބަރުން ދަނީ ނަޝީދަށް ފަޑުވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް