ފޭސް ދޭއްގައި ރޯދައަށް ހަދާ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ފޭސް ދޭއްގައި މާލޭ ސިޓީ ކައުންސިލުން ހަދަން ނިންމާފައިވާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކުރަން ހުޅުވާލައިފި އެވެ. އެ މާރުކޭޓަކީ ރޯދަ މަހަށް ހާއްސަކޮށް ހަދާ ތަނެކެވެ. އެތަނުން 30 ގޮޅި ދޫކ...

28 Feb 2023 | 06:09

ހުޅުމާލޭ ފޭސް ދޭއްގައި މާލޭ ސިޓީ ކައުންސިލުން ހަދަން ނިންމާފައިވާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކުރަން ހުޅުވާލައިފި އެވެ.

އެ މާރުކޭޓަކީ ރޯދަ މަހަށް ހާއްސަކޮށް ހަދާ ތަނެކެވެ. އެތަނުން 30 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ދުވަހަށެވެ. ގޮޅިއަށް އެދެން ބޭނުންވާ މީހުން ފޯމު ހުށަހަޅަން ޖެހެނީ ހުޅުމާލޭގެ އަމީން އެވެނިއު މޭޕްލް ބިލްޑިންގްގެ އެއްވަނަ ފްލޯގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނަށެވެ.

ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ގޮޅި ދޫކުރާނީ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ. ގޮޅިތަކުގައި ބިދޭސީން ބޭތިއްބުމާއި އެއްވެސް މަސައްކަތެއް ކުރުވުމުގެ އިތުރުން އެހެން ފަރާތަކަށް މަންފާ ލިބޭ ގޮތަށް ގޮޅި ހިންގުން ވަނީ މަނާކޮށްފައި އެވެ.

މި އުސޫލުތަކާއި ހިލާފު ވާނަމަ 200-500 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ގޮޅި ޖޫރިމަނާ ކުރާނެ އެވެ. އެފަދަ ކަމެއް އަލުން ތަކުރާރު ވެއްޖެ ނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކި ކުރުމުގެ ނޯޓިސް ދޭނެ އެވެ.

މި މާރުކޭޓު ހަދަން ނިންމާފައިވާ ތަނެއް އަދި ހާމައެއް ނުކުރެ އެވެ. ސިޓި ކައުންސިލުން ބުނީ މި މާރުކޭޓު ހަދަން ނިންމާފައިވަނީ އެޗްޑީސީގެވެސް އެއްބާރުލުމާއި އެކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް