މިއަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަހަރު ރާއްޖެއަށް ރަސްމީކޮށް ލިބިފައިވަނީ1،000 ހައްޖު ކޯޓާ އެވެ. އިސްލާމިކް މިނިސްޓްރީން ދަނީ ކޯޓާގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިި ބުނީ ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުގައި މިދިޔަ އަހަރު އެ މިނިސްޓްރީން އާންމުކޮށްފައިވާ ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައި ބުނެފައިވާ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކަށ ޕްރޮޕޯސަލް ހުށަޙެޅުމުގެ ފީ މާދަމާއިން ފެށިގެން މާޗް މަހުގެ13 ވަނަ ދުވަހުގެ ހިޔަލަށް އިސްލާމް މިނިސްޓްރީ ކައުންޓަރަށް ދެއްކޭނެ ކަމަށެވެ. އެއީ10،000 ރުފިޔާ އެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗް14 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވާ ފަހުން ޕްރޮޕޯސަލް ހުށަހެޅުމާއި ފީ ނުދައްކާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި ކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް ދެ ވަނަ ދުވަހު އެވެ.
މިނިސްޓްރީން ވަނީ މިއަހަރު ހައްޖަު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށް މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް