ބޮލީވުޑްގެ ބަތަލް އަކްޝޭ ކުމާރު ބައިވެރިވި ރިއަލިޓީ ޝޯ "ދި ޕަކިލް ޝަރުމާ ޝޯ" ގައި ބަތަލާ ދިޝާ ޕަޓާނީއަށް ޖެހި ޖޯކު އާންމުންނަށް ކަމަކު ނުދިޔަ އެވެ.
މިމަހުގެ26 ވަނަ ދުވަހުގެ ރޭ ދެއްކި އެ އެޕިސޯޑުގައި އަކްޝޭ، ދިޝާ އަދި ނޯރާ ފަތޭހީގެ އިތުރުން ސޯނަމް ބަޖުވާ ކަޕިލްގެ ޝޯގައި ބައިވެރިވީ އެމީހުންގެ ކުރިޔަށް އޮތް އެންޓަޓެއިންމެންޓު ޓުއާގެ ޕްރޮމޯޓު ކުރުމަށެވެ.
އެ ޓުއާގައި އަކްޝޭ އާއި އެކު ބައިވެރިވާ އަންހެނުން ފަންނާނުންނަށް ނިސްބަތްކޮށް ތަފާތު މަޖާ ވާހަކަ ދައްކާ ވީޑިއޯއެއް ސޮނީން ސޯޝަލް މީޑިއާގައި އިޝްތިހާރުގެ ގޮތުގައި އާންމު ކުރި އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަކްޝޭއަށް އަމާޒުވާން ފެށި އެވެ.
ދިޝާއަށް އަމާޒުކޮށް އަކްޝޭ ބުނީ ދިޝާ އަކީ ވަރަށް ހަނަފަސް ޖަންގަލިތަކަށް ދަތުރުކޮށް ޖަނަވާރަށް ލޯބި ކުރާ މީހެއް ކަމަށް އޭނާ ޓައިގާ ޝްރޮފް އާއި ރައްޓެހިވެގެން އުޅުނު އިރު ޓައިގާ ދިން އިންޓަވިއުއެއްގައި ބުނެފައިވާ ކަމަށެވެ. އެކަމަކު މިހާރު އެކަހަލަ ދަތުރުތައް ދާއިރު ޓައިގާއެއް ފެނިދާނެތީ ދިޝާ ބިރުގަންނާނެ ކަމަށް ބުންޏެވެ.
https://www.instagram.com/reel/CpI2OSsvNA9
ފާޑުކިޔާ މީހުން ބުނީ އަކްޝޭއަށް ކުރެވުނީ ޓައިގާ، ލަނޑު ދީފައިވާތީ ދިޝާއަށް މަލާމާތް ކަމަށެވެ. ދިޝާ އެ ގުޅުން ނިންމާލަން ޖެހުމުން ލަދުގަނެގެން އާންމުންގެ ތެރެއަށް ނުނުކުމެ އެތައް ދުވަހެއްގައި އުޅުނު މީހަކަށް ނިސްބަތްކޮށް އެފަދަ އެއްޗެއް ބުނުމުން ލަދުގަންނާނެ ކަމަށް ބުންޏެވެ.
އަދި އޯޑިއަންސްގައި ތިބި މީހުން ހޭން ޖެހޭވަރު އެއްޗެއް އަކްޝޭ ނުބުނާ ކަމަށާއި ދިޝާއަށާއި އެ ޝޯގެ އެހެން ބައިވެރިންނަށް އަކްޝޭ ކުރި މަލާމާތަށް ހީނހެދި މީހުން ލަދު ގަންނަން ޖެހޭ ކަމަށް ބުންޏެވެ.
އަކްޝޭ ވަނީ ދިޝާއަށް ޖޯކު ޖެހުމަށް ފަހު ހިނި އައިސްގެން އޭނާ ގައިގަ ބައްދައިގެންފައި އެވެ. އަދި ދިޝާވެސް ހިތްހަމަ ނުޖެހުމުގެ ކުލަ ޝޯގެ ތެރެއިން ދައްކާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް