ފެނުނީ ނުނިންމާ ޓަވަރު ތަކަކާ ބުރިޖަކާ ހޮސްޕިޓަލެއް، ނިންމަން ޖެހުނީ މި ސަރުކާރަށް: ރާޝިދު

ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ހުރީ ނުނިންމާ ޓަވަރުތަކާއި ނުނިންމާ ބުރިޖަކާއި ނުނިންމާ ހޮސްޕިޓަލެއް ކަމަށާއި އެ ކަންކަން ނިންމަން ޖެހުނީ މި ސަރުކާރަށް ކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމ...

28 Feb 2023 | 04:38

ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ހުރީ ނުނިންމާ ޓަވަރުތަކާއި ނުނިންމާ ބުރިޖަކާއި ނުނިންމާ ހޮސްޕިޓަލެއް ކަމަށާއި އެ ކަންކަން ނިންމަން ޖެހުނީ މި ސަރުކާރަށް ކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމާއިމެދު މަޖިލީހުގައި މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާޝިދު ވިދާޅުވީ މި ސަރުކާރުން ލޯނު ނަގައިގެން ނުދެއްކޭ މަންޒަރު ނުފެންނަ ކަމަށާއި ވެރިކަމުގައި ހުރީ ކޮލިޓީގެ ރައީސެއް ކަމަށެވެ. ތިބީ ކޮލިޓީ މިނިސްޓަރުން ކަމަށެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން އެތައް ބިލިޔަން ނަގާފަ ކުރި ކަމެއް ފެންނާކަށް ނެތް، ތުރާކުނުން އައްޑުއަށް ބަލާއިރު 30،40 ބިލިޔަނުން ލޯނު ނަގައިގެން އެޅީ ކޮންތާކަށްކަން ފެންނާކަށް ނެތް" ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ އެހެންނަމަވެސް މިހާރު ތަފާތު ކަމަށާއި ފެނާއި ނަރުދަމާ އާއި ބަނދަރު މަޝްރޫއުތައް ކުރިއަށް އެބަ ދާ ކަމަށާއި ބިޔަ ބުރިޖާއި އައްޑޫ މަޝްރޫއާއި ފޯއްމުލަކު ބިޔަ މަޝްރޫއު ކުރިއަށް އެބަ ދާކަމަށެވެ.

"ހުރީ ކޮންކްރީޓުން ނިންމާފަހުރި ޓަވަރުތަކެއް، މި ސަރުކާރުން ޖެހުނީ ސީލިންގްކޮށް ކަރަންޓް ވަޔަރުކޮށް ކުލަލާ ބަޔަކާ ހަވާލުކުރަން، ފެނިގެންދިޔައީ ނުނިމި އޮތް ބުރިޖެއް މި ސަރުކާރުން ޖެހުނީ އެކަން ނިންމަން، ފެނުނީ ހޮސްޕިޓަލެއް ކުލަލާ ދަވާދު އެއްޗެހި ވައްދާ ހިދުމަތްދޭން ޖެހުނީ މި ސަރުކާރަށް" ރާޝިދު އިތުރަށް ވިދާޅުވިއެވެ.

ރާޝިދު އިތުރަށް ވިދާޅުވީ މިހާރު ބޭނުން ކޮންމެ އެއްޗެއް ކާން ލިބޭ ކަމަށާއި ކުކުޅާ ބަތާއޭ ހިތަށް އެރިއްޔާ ލިބޭ ކަމަށެވެ. އެހެންކަމުން މަސްލަހަތު ނަގާލާ ބިރުވެރިކަން އުފެއްދުން ހުއްޓާލަން ޖެހޭ ކަމުގައިވެސް ރާޝިދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް