އިޒްރޭލު ޔަހޫދީންގެ ހަމަލާތައް ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހައްދު ފަހަނަ އަޅައި ހުއްޓުމެއްނެތި ކުރިއަށް

ހޫނުވަމުން އަންނަ އިޒްރޭލު-ފަލަސްތީނުގެ މަސްރަހަށް މާބޮޑު ފިނިކަމެއް ނުލިބި އިޒްރޭލު ޔަހޫދީން ހަމަލާތައް ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހައްދު ފަހަނައަޅައި ހުއްޓުމެއްނެތި ކުރިއަށް އެބަ ގެންދެއެވެ....

28 Feb 2023 | 01:02

ހޫނުވަމުން އަންނަ އިޒްރޭލު-ފަލަސްތީނުގެ މަސްރަހަށް މާބޮޑު ފިނިކަމެއް ނުލިބި އިޒްރޭލު ޔަހޫދީން ހަމަލާތައް ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހައްދު ފަހަނައަޅައި ހުއްޓުމެއްނެތި ކުރިއަށް އެބަ ގެންދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަބްލުސްގައި އެ ސަރަހައްދަށް ވަޒަންވެރިވަމުން އަންނަ ޔަހޫދީންގެ 300 އަށްވުރެ ގިނަ ހަމަލާއާއި ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވެއެވެ. އެ ހަމަލާތަކުގެ ތެރޭގައި ބަޑީގެ ހަމަލާތަކާއި ތަންތަނުގައި އަލިފާން ރޯކުރުމުގެ ހަމަލާތަކާއި ހަމަނުޖެހުން އުފައްދައި ތަޅާފޮޅުންތައް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އާދީއްތަ ދުވަހުގެ ރޭ ފަލަސްތީނަށް ނިސްބަތްވާ ސާމިހް އަލް-އަޤްތާސްގެ މަރަކީވެސް ބައިނަލްއަޤްވާމީ މީޑީއާ ރިޕޯޓުތަކުން ފާހަގަކުރާ މަރެކެވެ. ތުރުކީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވޮލަންޓިއަރެއްގެ ގޮތުގައި އުޅުމަށްފަހު އެނބުރު ފަލަސްތީނަށް ދިޔަތާ ފަސް ދުވަސް ފަހުން އޭނާގެ ގަޔަށް ބަޑިޖަހާ މަރާލީ އެވެ. އެކަންވެސް ކުރީ ނަބްލުސް ސަރަހައްދަށް ވަޒަންވެރިވަމުން އަންނަ ޔަހޫދީންގެ ބައެކެވެ.

ޔަހޫދީންގެ މި ހަމަލާތައް އަމާޒުކުރަމުން އަންނަނީ އިޒްރޭލު ސިފައިންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރި ކަމާއެކުގައެވެ. ކޮންމެ ހަމަލާއެއް ދިނުމުގައިވެސް އިޒްރޭލު ސިފައިން އެހީތެރިކަން ފޯރުކޮށްދީ އެކި ގޮތްގޮތުން އެއްބާރުލުން ދެމުން އަންނަކަން ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސް ފާހަގަކޮށް އެކަން އަންނަނީ ކުށްވެރި ކުރަމުންނެވެ.

2005 އަށްފަހު އިޒްރޭލު-ފަލަސްތީނު މަސްރަހު އެންމެ ބޮޑަށް ހޫނުވެގެން ގޮސްފައިމިވަނީ މި އަހަރުގައި ކަމަށްވާއިރު މިދިޔަ ހަފްތާގެ ބުދަ ދުވަހު އެކަނިވެސް ފަލަސްތީނުގެ 11 ރައްޔިތަކު މަރާލާފައިވެއެވެ. އަދި އޭގެ މަހެއްހާ ދުވަސް ކުރިއަށް ބަލާލާއިރު އެއް ދުވަހެއްގައި 10 މީހަކު މަރާލާފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުދިންނާއި 61 އަހަރުގެ އަންހެނަކު ހިމެނެއެވެ.

މަސްރަހު އަލުން ގޯސްވެ އިޒްރޭލު ޔަހޫދީންގެ ހަމަލާތައް ހައްދުފަހަނައަޅާދަމުން މިދަނީ ނަބްލުސް ސަރަހައްދަށް ވެރިވެގަތުމަށް ދުރާލާ ރޭވިގެން ކުރިއަށްގެންދާ ކަންތައްތަކެއްގެ ތެރެއިން ކަމަށް ތުހުމަތު ކުރެއެވެ. އަދި އަލިފާން ރޯކުރުމާއި ހަމަލާތައް ދިނުމުގެ އަމަލުތައް ކުރިއަށްގެންދާއިރު އެކަންކަން އިތުރަށް ގޯސްކުރުމަށް އަލިފާން ނިއްވާ ލޮރީއާއި އެމްބިއުލާންސްވެސް އެހީތެރިކަމަށް ދިއުމަށް އަންނަނީ ހުރަސް އަޅަމުންނެވެ.

މި މަސްރަހުގައި މި އަހަރު އެކަނި މިހާތަނަށް ފަލަސްތީނުގެ 67 މީހަކު މަރާލާފައިވެއެވެ. އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް