މެރިންކޯރ ގެ އެލީޓް ޔުނިޓް "ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް" އިފްތިތާޙު ކޮށްފި

މެރިންކޯރ ގެ އެލީޓް ޔުނިޓް ނުވަތަ މެރިންކޯރގެ ޚާއްޞަ ބާރެއްކަމުގައިވާ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ)، މިނިސްޓަރ އޮފް ޑިފެސް އަލް އުސްތާޛާ މާރިއާ އަޙުމަދު ދީދީ މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެ...

28 Feb 2022 | 18:26

މެރިންކޯރ ގެ އެލީޓް ޔުނިޓް ނުވަތަ މެރިންކޯރގެ ޚާއްޞަ ބާރެއްކަމުގައިވާ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ)، މިނިސްޓަރ އޮފް ޑިފެސް އަލް އުސްތާޛާ މާރިއާ އަޙުމަދު ދީދީ މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޚާއްޞަ ޔުނިޓެކެވެ.

މިޔުނިޓު އިފްތިތާޙު ކުރެވިފައި މިވަނީ، ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނޭ ހުނަރު، ނުވަމަސް ދުވަހުގެ ޓްރެއިނިންގއެއްގެ ތެރެއިން އުގަންނައި ދިނުމަށްފަހުގައެވެ.

މި ރަސްމިއްޔާތުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ ލައިވް ފަޔަރ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ.

މި ޑެމޮންސްޓްރޭޝަންގައި ނިރުބަވެރި ހަނގުރާމަވެރިންތަކެއްގެ ސްޓްރޯންގް ހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް އެސްއޯޖީ މެރިންސް ވަނީ ދައްކާލާފައެވެ.

މި ރެއިޑް އޮޕަރޭޝަންގައި، އެފެކްޓްސް އޮފް ފަޔަރ މެކްސިމައިޒް ކުރުމުގެ ގޮތުން، ކަނޑުމަގުން އޮޓޮމެޓިކް މެޝިން ގަންއަކުން ކަވަރިންގ ފަޔަރ ދިނުމާއި، އެކި ވައްތަރުގެ އެކްސްޕްލޯސިވްސް ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމާއި، މެކޭނިކަލް އަދި އެކްސްޕްލޯސިވްސް ބްރީޗްކޮށްގެން ރޫމްތަކަށް ވަދެ ރޫމް ކްލިއަރ ކުރާނެ ގޮތްތައް ވަނީ ދައްކާލާފައެވެ.

ނުވަ މަސް ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓް އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި ހިންގި މި ކޯހުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ނިސްބަތްވާ 30 މެރީންސް ބައިވެރިވިއެވެ.

މީގެ ތެރޭގައި އެސްއޯޖީގެ ހަތަރު އޮފިސަރުން ވެސް ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ވަނީ ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފައެވެ.

މީގެ އިތުރުން ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ އެސްއޯޖީ ޔުނިޓުގެ ޓެބާއި، އެސްއޯޖީގެ ފްލޭޝް އަދި އެސްއޯޖީގެ ބެރޭ ހަވާލުކޮށްފައެވެ.

އޭގެ އިތުރުން، ތަމްރީނު ފުރިހަމަކޮށް، ޓެބް ހާސިލްކުރި މެރިންސްއަށް މި ރަސްމިއްޔާތުގައި ވަނީ މަޤާމުގެ ކުރިއެރުން ހަވާލުކޮށްދީފައެވެ.

ތަމްރީނު ފުރިހަމަކުރި އެސްއޯޖީގެ މެރިންސްއަށް ބެރޭއާއި މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އެވެ. އަދި، މަޤާމުގެ ރޭންކު ހަވާލުކޮށްދެއްވީ މެރީންސްގެ އާއިލާތަކުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި އެސްއޯޖީ މެރިންސްއަށް އެސްއޯޖީގެ ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި އެސްއޯޖީގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް ވިލަރެސް ކޮށްފައިވަނީ މެރިން ކޯރ ޓްރެއިނިންގ ސްކޫލުންނެވެ. މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ވޯޓަރބޯން އޮޕަރޭޝަންސް، ޓެކްޓިކަލް ކޮމްބެޓް ކެޝުއަލްޓީ ކެއަރ، ވޯރ ފައިޓިންގް އެންޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގް، ކޮމްބެޓް ޑައިވިންގް، މާޝަލް އާޓްސް، އަދި ޓެކްޓިކަލް ރެޕަލިންގް ފަދަ ބައިތައް ހިމެނެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން، އަދި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް