މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އާއި އެލައެންސް ފްރަންސެއިސް ގުޅިގެން ދެފަރާތަށް ފައިދާކުރުވަނިވި ގޮތަކަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއް (މެމޮރަންޑްމް އޮފް އަންޑަސްޓޭންޑިން - އެމް.އޯ.ޔޫ) ގައި ސޮއި ކޮށްފިއެވެ.
އެމް.ޔޫ.އެމް ގެ ރައީސް އަޙްމަދު ޝިހާމް އާއި އެލައެންސް ފްރަންސެއިސް ގެ ޑައިރެކްޓަރ ޑިމިޓްރީ ވާރޖް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކޮށްފައިވާ މި އެމް.އޯ.ޔޫ އަށް އަމަލު ކުރަން މާރޗް 2022 ގައި ފެއްޓޭނެއެވެ.
މި އެމް.އޯ.ޔޫ ގެ ދަށުން، އެމް.ޔޫ.އެމް އާއި އެލައެންސް ފްރަންސެއިސްއަށް ގުޅުން ހުރި މިއުޒިކާއި ސަގާފީ މަސައްކަތްތައް ކުރެވިގެން ދާނެއެވެ. އަދި އެލައެންސް ފްރަންސެއިސް އިން ހިންގާ ފްރެންޗް ބަސް ދަސްކޮށް ދިނުމުގެ ކޯހުގެ ކޮންމެ އިންޓޭކްއެއްގައި އެމް.ޔޫ.އެމް ގެ 2 (ދޭއް) މެންބަރުންނަށް ހިލޭ ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހަމަޖައްސައި ދީފައެވެ.
މި ކޯހުގެ ކުރިއަށް ދެންއޮތް ސެޝަން 13 މާރޗް 2022 ގައި ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޔޫނިއަންގެ 2 (ދޭއް) މެންބަރުންނަށް މި ސެޝަންތަކުގެ "އިންޓްރޯޑަކްޝަން ސެޝަން" ގައި ހިލޭ ބައިވެރި ވެވޭނެއެވެ. މި އިންޓްރޯޑަކްޝަން ސެޝަންތަކުގެ މުއްދަތަކީ ދެ މަސްދުވަހެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު މި ސެޝަންތައް ކުރިއަށްދާނީ އިރުއޮއްސި ހަޔަކުން ހަތެއް ޖަހަންދެންނެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް މެންބަރުން ކުލާހަށް ހާޟިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރި ވެވިދާނެއެވެ. ކުލާހަށް ހާޞިރުވެގެން ބައިވެރިވާ މެންބަރުން، ކޯހުގެ ފޮތްތަށް ހޯދުމަށްޓަކައި -/500ރ ދައްކަން ޖެހޭނެއެވެ. ނަމަވެސް އޮންލައިން ކޮށް ބައިވެރިވާ މެންބަރުން މި ފޮތްތައް ބައްލަވައިގަތުމަކީ އިޚްތިޔާރީ ކަމެކެވެ.
2008 ވަނަ އަހަރު އުފައްދާފައިވާ އެލައެންސް ފްރަންސެއިސް މާލެ އަކީ ވިޔަފާރި އާއި ޓުއަރިޒަމް އަށް އަމާޒު ކޮށްގެން ފްރެންޗް ބަސް ކިޔަވައި ދިނުމާއި އެހެނިހެން ހަރަކާތްތައް ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ހިންގަމުންދާ ހަމައެކަނި ފްރެންޗް ސެންޓަރެވެ.
މި ސެންޓަރަކީ ފްރާންސް އާއި ދިވެހިރާއްޖޭގެ ސަގާފަތް ކުރިއެރުވުމުގެ ގޮތުން އާރޓް އެގްޒިބިޝަން ތަކާއި މޫވީ ނައިޓްސް ފަދަ ކަންތައްތައްވެސް ރާވައި ހިންގާ ސެންޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް