ފަތުރުވެރިކަމުގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮރލަރޝިޕްތަކެއް ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ކުރެވުނު މި އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލަރއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނަޒީރެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ސަރުކާރުގެ ގްލޯބަލް ސްކޮލަރޝިޕް ޕްރޮގްރާމް ކަމަށްވާ، ޗީވްނިންގ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބާރު ސްޕީޑެއްގައި ކުރިއަރަމުންދާ ކަމަށެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބީނާ ކުރުން މުހިންމުކަމަށް ސަފީރުގެ ވާހަކަ ފުލުގައި ފާހަގަ ކުރެއްވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނަޒީރު ވަނީ މި ފުރުސަތެއް ދީފާއިވަތީ އިނިރޭސި ސަފިރަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ފުރުސަތު ތަކުން ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނަކަމުގެ ޔަގީންކަން ނަޒީރު ވަނީ ދެއްވާފައެވެ.
މި ސްކޮލަރޝިޕަކީ ފަތުރުވެރިވެރިކަމުގެ ދާއިރާއިން އިނގިރޭސިވިލާތުގެ އެކްރެޑިޓެޑު ޔުނިވަރސިޓީއަކުން، އެއް އަހަރު ދުވަހުގެ މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. މަޓީއާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން 2 ސްކޮލަރޝިޕްގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް