އިންޓަނޭޝަނަލް ޖޫޑޯ ފެޑެރޭޝަން (އައިޖޭއެފް) އިން، ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އަށް އަރުވާފައި އޮތް އޮނަރަރީ ޕްރެޒިޑެންޓާއި އެ ޖަމިއްޔާގެ އެމްބެސެޑަރުގެ މަގާމު ބާތިލުކޮށްފި އެވެ.
އައިޖޭއެފުން ނެރުނު ބަޔާނެއްގައި ބުނީ ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ކުރާ ހަނގުރާމަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަޝިއާގެ ރައީސް އިސްކޮށް ހުންނަވައިގެން އެހެން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލު ފޭރިގަންނަން އުޅުމަކީ ވަރަށް ހިމާތަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެން ކަމުން އެފަދަ، ބަލައި ނުގަނެވޭ އަމަލެއް ހިންގާ ގައުމެއްގެ ވެރިޔެއް އެ ފެޑެރޭޝަންގެ އެއްވެސް ކަހަލަ ޝަރަފައެއް ދެވެން ނެތް ކަމަށް އެ ބާޔާނުގައި ބުނެއެވެ. އަދި އައިޖޭއެފުން ބުނީ އެދެނީ ސުލްހަ އާއި އަމާއިންކަމާން ގާއިމުކުރަން ކަމަށްވާތީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހިންގާ ޚާއްސަ މިލިޓަރީ އޮޕަރޭޝަންގެ ސަބަބުން ކުޅިވަރުގެ ދުނިޔޭގައިވެސް ރަޝިއާ ވަނީ ވަރަށް ބޮޑަށް ބާކީވެފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގައި ނުކުޅުމަށް ވަނީ ނިންމާފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ރަޝިއަން ގްރޭންޑް ޕްރީ ކެންސަލްކުރުމަށް ފޯމިއުލާ ވަން އިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް