ހަމަ އެކަނި ސުރުހީއަށް ބަލާފައި ގޮތެއް ނުނިންމާ ކުޑަކޮށް ދުނިޔޭގެ ތާރީހަށް ފީނައިލަމާ ހިނގާށެވެ. ފޮޓޯގައި އެ ފެންނަ ފަރާތަކަކީ މޭރީ އަން ބެވަން ނަމަކަށްކިޔާ އަންހެނެކެވެ.
ނިސްބަތްވަނީ އިނގިރޭސިވިލާތަށެވެ. ދުނިޔޭގައި އުޅުނީ 1874 އިން 1933 ވަނަ އަހަރާއި ހަމައަށެވެ. މަރުވި އިރު އުމުރަކީ 59 އަހަރެވެ.
ސުރުހީގައި އެވާ ފަދައިން މޭރީ އަކީ ދުނިޔޭގައި އުޅުނު، ރަސްމީ ލިޔުމަކުން އެނގެން އޮންނާނެ އެންމެ ހުތުރު އަންހެނާއެވެ. އެ ލަގަބު މޭރީ އަށް ލިބުނު ގޮތް، ނުވަތަ މޭރީ އަން އެ ލަގަބު ހޯދި ގޮތަކީ މި ލިޔުމުގެ މައިގަނޑު މަގުސަދެވެ.
އުމުރުން 32 އަހަރާއި ހަމައަށް މޭރީ އަން ފެންނަމުންދިޔައީ ފޮޓޯއިން އެ ފެންނަ މޭރީ އާއި މުޅިން ތަފާތު ކޮށެވެ. އޭރު މޭރީ އަކީ އެވްރެޖް މިންވަރެއްގައި ރީތި އަންހެނެކެވެ. އޭރަކު މާ ބޮޑު އައިބެއް ނެތެވެ. އޭރު މޭރީ ހުރި ގޮތުގެ ފޮޓޯ ތިރީގައި އެވަނީ އެވެ.
މޭރީ އަން 1903 ގައި ކައިވެންޏެއް ކުރިއެވެ. އެ ކައިވެނި މަތީގައި އުފާވެރި ދިރިއުޅުމެއް އުޅެމުންދަނިކޮށް މޭރީ އަށް އެކްރޮމެގަލީ ނަމަކަށް ކިޔާ ބައްޔެއް ޖެހުނެވެ. މޭރީގެ ސިފަ ބަދަލުވެގެންދިޔައީ އެ ބަލީގެ ސަބަބުންނެވެ.
ހަތަރު ދަރިން ލިބިފައިވަނިކޮށް ކުއްލި ގޮތަކަށް މޭރީގެ ފިރިމީހާ މަރުވިއެވެ. ހަތަރު ދަރިންނާއެކު މޭރީ ބިކަ ހާލުގައި ޖެހުނެވެ. އޭރަކު މާ ގިނަ ފުރުސަތުތަކެއް ނޯވެއެވެ. އަދި އަމުދުން މޭރީގެ އެ ސިފަޔާއެކު އާމްދަނީއެއް ހޯދާނެ ފުރުސަތެއް ލިބޭ ގޮތެއް ނުވިއެވެ.
1914ގައި އިނގިރޭސިވިލާތުގައި ބޭއްވުނު "އަގްލިއަސްޓް ވޮމެން" މުބާރާތުގައި މޭރީ އަން ބައިވެރިވެ އެ މުބާރާތް ކާމިޔާބު ކުރިއެވެ. އެއީ ކޮންމެ އަހަރަކު އޮންނަ މުބާރާތަކަށް ވެފައި އެއްވަނައަށް ފައިސާގެ ރަނގަޅު އިނާމެއް ލިބޭތީ މޭރީ ބެލީ އެއީ ދަރީންނަށްޓަކައި ވެވޭ ގުރުބާނީއެއް ކަމަށެވެ.
އެއަށްފަހު ޗަރުކޭސް ކުންފުންޏަކުން މޭރީއަށް ވަޒީފާ ދިނެވެ. އެ ވަޒީފާގައި މޭރީ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ޗަރުކޭހުގެ މެދު ތެރެއިން އެންމެނަށް ފެންނާނެހެން ގޮނޑިއެއްގައި މޭރީ ބައިންދާފައި ވަށައިގެން ތިބޭ އެންމެން މޭރީގެ ހުތުރުކަމަށް މަލާމަތްކޮށް ހީނ ހަދަނީއެވެ. އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މޭރީއަށް ބަލައި ހީ މަލާމަތްކޮށް ހަދާއިރު އެ ހިތަށް ކުރާނެ އަސަރު ވިސްނައިލާށެވެ.
އެހެން ނަމަވެސް މޭރީ އެ ހުރިހާ މަލާމާތަކާ ފުރައްސާރައަކަށް ކެތްކުރީ އޭނާގެ ހަތަރު ދަރީންނަށްޓަކައެވެ. އެ ދަރީންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް