ޕެނަލްޓީގައި ވަރުގަދަ ޗެލްސީ ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި 11-10 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މިއީ މި މުބާރާތުގެ ތާރީޚުގައި ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި 9 ވަނަ ފަހަރެވެ. ލިވަޕޫލަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދާފައިވާ ޓީމެވެ.
މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެެއް ފެނިގެން ދިޔައިރު، ދެ ޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެހާފެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނު އިރުވެސް ދެޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ދެޓީމުން ޖުމްލަ 21 ޕެނަލްޓީ އެއް ޖެހިއިރު، މި 22 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބު ވީ ހަމައެކަނި ޗެލްސީގެ ކީޕަރު ކެޕާ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. ޗެލްސީން ޖެހި 11 ވަނަ ޕެނަލްޓީ ކެޕާ ފޮނުވާލިއިރު، މި ޕެނަލްޓީ ވަނީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށް ގޮސްފައެވެ.
ކެޕާ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމާއި އެކު ލިވަޕޫލަށް މުބާރާތުގެ ތަށި ކަށަވަރުވިއިރު، މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މިހާރުގެ ކޯޗު ޖާގަން ކްލޮޕް އާއި އެކު ލިވަޕޫލުުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަަރުވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް