ނާޒިމް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފި އެވެ. މައުލޫމާތު ލިބޭގޮތުގައި ނާޒިމް އޭޑީކޭއަށް ގެންދިޔައީ ދަތުގެ ފަރުވާއަކަށެވެ. އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ފ...

28 Feb 2015 | 14:55

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފި އެވެ.

މައުލޫމާތު ލިބޭގޮތުގައި ނާޒިމް އޭޑީކޭއަށް ގެންދިޔައީ ދަތުގެ ފަރުވާއަކަށެވެ. އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންގޮސްފަ އެވެ. އެކަމާ ގުޅޭގޮތުން ފުލުހުންވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުންވެސް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް ދުވަހުގެ ނޫސްވެރިންނަށް ވަނީ އޭޑީކޭ ތެރެއިން ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދާއި ނާޒިމްގެ ކޮއްކޮ އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް އާއި ޖޭޕީގެ ނާއިބް ލީޑާ އަމީން އިބްރާހިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފެނިފައެވެ. އާއިލާގެ ފަރާތުން ބުނެފައިވަނީ ނާޒިމް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ އާއިލާއަށް އެންގުމާ ނުލައި ކަމަށެވެ.

އަދި ނާޒިމް ހޮސްޕިޓަލަށް ގެންދިޔަ ހަބަރަށް ކޮންމެސް ވަރަކަށް އެ ސަރަހައްދަށް މީހުންވެސް އެއްވެފައިވެ އެވެ.

ނާޒިމް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުނު އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނުމަށް ފަހުއެވެ. އެ މައްސަލައިގެ ޝަރީއަތް ިނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވާއިރު، އޭނާ ވަނީ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ދައުލަތުން ބުނީ ނާޒިމް ގެއިން ފެނުނު ޕެންޑްރައިވް އަކުން ލިބުނު މައުލޫމާތުގެ އަލީގައި ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ގަތުމަށް ފަންޑުކޮށްފައިވަނީ ޖޭޕީގެ ލީޑާ ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިންކަން އެނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް