ޣައްޒާގެ އުތުރަށް ދިޔުމަށް އޮތް މަގު ހުޅުވާލުމާއެކު ޣައްޒާއަށް އަލުން އެނބުރި ގޮސްފައިވާ މީހުންގެ އަދަދު މިހާރު ތިން ލައްކައިން މައްޗަށް ގޮސްފައިވާކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.
15 މަހަށްފަހު ހަމަލަތައް ހުއްޓާލުމުން ޣައްޒާގެ އެތައް ލައްކަ ރައްޔިތުންނެއް އެނބުރި ޣައްޒާއަށް ވަނުމަށްޓަކައި އުތުރުގެ ބިތުގެ ޗެކްޕޮއިންޓް ސަރަހައްދަށް ޖަމާވިއެވެ. އެހެންނަމަވެސް އަސީރުން މިނިވަންކުރުމުގައި ހަމާސް އިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށްބުނެ ފުރަތަމަ އެ ސަރަހައްދުން މީހުން ވަނުން އިސްރާއީލުން ހިފެހެއްޓިއެވެ. ނަމަވެސް ދޫކުރާނެ އިތުރު ހަ އަސީރެއްގެ ނަން ހަމާސް އިން ދިނުމުން އެ ސަރަހައްދު އިސްރާއީލުން ވަނީ ހުޅުވާލާފައެވެ.
އުތުރަށް ވަންނަން ގޮނޑުދޮށުން ދެވެން އޮންނަ މަގުން އެތައް ލައްކަ ރައްޔިތުންނެއް މިހާރު ދަތުރުކޮށް އަދި މިހާރުވެސް އެތައް ލައްކަ ރައްޔިތުންނެއް ދަތުރު ކުރަމުން އަންނައިރު ޣައްޒާގެ އުތުރުގެ ސަރަހައްދު ކަމުގައިވާ ބެއިތު ހަނޫން، ބެއިތު ލަހިޔާ އަދި ޖަބާލިޔާ ސަރަހައްދު ފަދަ ސަރަހައްދުތަކަކީ އިސްރާއީލުން ހަމަލާތައްދީ އިމާރާތްތައް ބިމާ ހަމަކޮށްލާފައިވާ ސަރަހައްދުތަކެވެ.
އެ ސަރަހައްދުގެ އިމާރާތްތައް ބިމާ ހަމަކޮށްލާފައިވީނަމަވެސް ރައްޔިތުން އެނބުރި އައުން މަދުވެފައެއް ނުވެއެވެ. އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކަށް އެހީ ފޯރުކޮށްދެމުންނެވެ.
އެ ސަރަހައްދުގައި ކޭމްޕްތައް ޖެހުންފަދަ ކަންކަން މިހާރު ކުރަމުން އަންނައިރު ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ ތިން ލައްކައެއްހާ ރައްޔިތުންނަށް 120،000 ޓެންޓް ބޭނުންވާކަމަށާއި މިހާރުވެސް 33 ކޭމްޕެއް ތައްޔާރު ކުރެވި އިތުރު ކޭމްޕްތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް