ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓު 2.5% އަށް ބީއެމްއެލްއިން ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފިއެވެ. އެ ބޭންކުން ބުނެފައިވާގޮތުގައި 24 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނ...

28 Jan 2024 | 14:06

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފިއެވެ.

އެ ބޭންކުން ބުނެފައިވާގޮތުގައި 24 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައިވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް %2.5 އަށް ދަށްކުރުމަށް ނިންމާފައެވެ. މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް 1 ފެބްރުވަރީ 2024 އިން ފެށިގެން  ކަނޑައަޅާފައިވަނީ މި ރޭޓެވެ.

މީގެ އިތުރުން ގެނެވުނު އަނެއް ހެޔޮ ބަދަލަކީ ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %90 އާހަމަޔަށް ފައިނޭންސް ލިބޭ ގޮތަށް ގެނެވުނު ބަދަލު ކަމަށާއި ފައިނޭންސިންގ ރޭޓަށް މި ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ  މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް %2.5 ދަށްކުރެވިގެން ދިޔުމަކީ އެ ބޭންކަށް ލިބުނު އުފަލެއް ކަމަށާއި ފައިނޭންސިންގ  ރޭޓަށް މިދިޔަ އަހަރު  ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށެވެ.

"މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި." އޭނާ ވިދާޅުވިއެވެ.

މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެއެވެ. ބީއެމްއެލް ކިޔަވާ ލޯނާއި  އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް