މަޖިލިސް ތެރޭ މާރަމާރީ ހިންގާ، ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހޫނުވެ، މަޖިލިސް ތެރޭގައި މާރަމާރީ ހިންގާ، ބައެއް މެމްބަރުންނަށް އ...

28 Jan 2024 | 12:19

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހޫނުވެ، މަޖިލިސް ތެރޭގައި މާރަމާރީ ހިންގާ، ބައެއް މެމްބަރުންނަށް އަނިޔާވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށް ތާވަލުކޮށްފައި އޮތީ މިއަދު 1:30 އަށެވެ. ނަމަވެސް މަޖިލިސް ތެރޭގައި ހަމަނުޖެހުން އުފެދުމުން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދެވޭ ގޮތް ނުވެގެން ވަނީ މެދުކަނޑާލާފައެވެ.

ޖަލްސާ މެދުކަނޑާލާފައި އޮތް ވަގުތުވެސް ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުންތައް އިތުރުވެފައިވާއިރު، ގަޔަށް އަތްލައި އަނިޔާކުރުމުގެ އަމަލުތައް ވަނީ ހިނގާފައެވެ.

އެ ހަމަނުޖެހުންތަކުގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު މެމްބަރު ޝަހީމް އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުންވެސް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ލިބުނު އަނިޔާގައި އިނގިލި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޒަރީރަށް ހަމަލާދިނީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

މަޖިލިސް ތެރޭގައި މިހާރުވެސް ހަމަނުޖެހުން ހިނގަމުން އަންނަ އިރު، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒަހަރާކުރަމުންނެވެ.

ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމަށް ގަބޫލުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް