މިނިސްޓަރ ޝަހީމް އަށް ރުހުން ނުދޭން ނިންމާތީ ސޯޝަލް މީޑިއާގައި އާއްމުން އަޑުއުފުލަނީ

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިނުމަށް އިދިކޮޅުން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅު ހަދާ ސޯޝަލް މީޑިއާގައި އާއްމުން އަންނަނީ އަޑު އުފުލަމުންނެވެ. ބައެއް ވަޒީރުނ...

28 Jan 2024 | 10:42

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިނުމަށް އިދިކޮޅުން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅު ހަދާ ސޯޝަލް މީޑިއާގައި އާއްމުން އަންނަނީ އަޑު އުފުލަމުންނެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުންނާރުތައް ވައްޓައި ނުލެވޭނެ ކަމަށާއި، އިސްލާމީ ކިއްލާތައް ފޫއަޅުވާ ނުލެވޭނެ ކަމަށެވެ.

ޝަހީމް އަކީ އިސްލާމިކް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ދީނީ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އައި ބޭފުޅެކެވެ. އަދި މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އިސްލާމް ދީން އިސްކޮށް، ޤައުމުގެ މައްސަލަތައް ހައްލުކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

މިނިސްޓަރ ޝަހީމް ކުރައްވަމުން އަންނަ މަސައްކަތްތަކަކީ ބަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި، ޝަހީމަށް ރުހުން ލިބެންޖެހޭ ކަމަށް ބުނެ އެކްސްގައި އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން، އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލިޒޭޝަންގެ ކައުންސިލް މެމްބަރު ޝަފީއު އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަހީމަށް ރުހުން ނުދޭން އުޅެނީ އިސްލާމް ދީނަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ހުއްޓުމުގެ ނިޔަތުގައިތޯ ސުވާލު އުފައްދާފައެވެ. ޝަފީއު ބުނީ ދިވެހިރާއްޖޭގައި އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމަށް އެންމެ ޤާބިލް ބޭފުޅަކީ ޑރ ޝަހީމް ކަމުގައި ޤަބޫލުކުރާ ކަމަށެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލުވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑރ ޝަހީމް އަކީ އިދާރީ އަދި  ހިންގުމުމުގެ ވަރަށް ގިނަ ރަނގަޅު ބަދަލުތަކެއް ގެނެސްދީ، އަދި ގެންނަމުންދާ ބޭފުޅެއް ކަމަށާއި ޝަހީމްގެ މަސައްކަތް ސަރުކާރުގައި ހާއްސަކޮށް ފާހަގަކުރެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، މަޖިލީހުގެ ތަޅުމުގައި އެކަމާމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ބާއްވަން އުޅުނު މަޖިލިސް ޖަލްސާވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން މެދުކަނޑާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް