ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅުން: ޕީޕީއެމް/ޕީއެންސީ

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ސަ...

28 Jan 2024 | 07:55

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ވުޒާރާތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު، ވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާ، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކު ނުކުރާކަމަށާއި އެބޭފުޅުންނަށް ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތްކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޯލިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށް ކޯލިޝަނަށް ޤަބޫލު ކުރެވޭތީ، އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތުދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށް ބުންޏެވެ.

ޕްރޮގްރެސިން ކޮންގްރެސް އިން މިފަދައިން ނޫސްބަޔާން ނެރެފައިމިވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އިން ހަތަރު މެމްބަރަކަށް ރުހުން ނުދޭން ނިންމާފައިވާކަން އިއުލާންކޮށްފައިވަނިކޮށެވެ.

އެ މައްސަލާގައި މަޖިލީހުގައި ވޯޓަށް އެހުން މިއަދު 1:30 ގައި އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް