ޅެންވެރިކަމަކީ ނަފްސާނީ ބައްޔަށް ހެޔޮ ހައްލެއް: ދިރާސާ

ޅެން ކިޔުމާއި ލިޔުމާއި ހިއްސާކުރުމަކީ އެކަނިވެރިކަން ނުވަތަ އެކަހެރިކަމުން ދުރުވެ، އެންޒައިޓީ އާއި ޑިޕްރެޝަންގެ އިހުސާސްތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އާޓްސް އެންޑް ހިއުމ...

28 Jan 2024 | 06:31

ޅެން ކިޔުމާއި ލިޔުމާއި ހިއްސާކުރުމަކީ އެކަނިވެރިކަން ނުވަތަ އެކަހެރިކަމުން ދުރުވެ، އެންޒައިޓީ އާއި ޑިޕްރެޝަންގެ އިހުސާސްތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އާޓްސް އެންޑް ހިއުމެނިޓީސް ރިސާޗް ކައުންސިލްގެ ހިލޭ އެހީގެ ދަށުން ޔުނިވާސިޓީ އޮފް ޕްލައިމައުތު އާއި ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ ގުޅިގެން ކުރި ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ވަސީލަތެއްގެ ގޮތުގައި ޅެންތައް ހިއްސާކުރުމާއި މަޝްވަރާކުރުމާއި ލިޔުން ފަދަ ކަންކަމުގައި ބައިވެރިވި ގިނަ ބައެއްގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ހެޔޮ އަސަރެއް ކުރިއެވެ.

400 މީހުންގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ދިރާސާގައި ޅެންވެރިކަމުގެ އޮންލައިން ވެބްސައިޓެއް ވަނީ ބޭނުންކޮށްފައެވެ. ދިރާސާއިން ދައްކާ ގޮތުގައި ޅެންވެރިކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމުގެ އާންމު އަލާމާތްތައް ފެންނަ މީހުންގެ އިތުރުން ހިތާމައިގެ ޝިކާރައަކަށްވާ މީހުންނަށް ވެސް އެހީތެރިވެދެއެވެ.

މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ ޅެން ކިޔުމާއި ނުވަތަ ލިޔުމުގެ ސަބަބުން އެކަނިވެރިކަމުގެ އިހުސާސްތަކާއި އެކަހެރިކަމުގެ އިހުސާސްތަކާ ކުރިމަތިލުމަށް އެހީތެރިވެދީފައިވާ ކަމަށް ބުނެފައެވެ. އިތުރު 50 އިންސައްތަ މީހުންނަށް އެކަމުގެ ސަބަބުން އެންޒައިޓީ އާއި ޑިޕްރެޝަންގެ އިހުސާސްތަކަށް އެހީތެރިކަން ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

34 އިންސައްތަ މީހުން ދެކޭ ގޮތުގައި ޅެންވެރިކަމާ ގުޅުން ހުރި ވެބްސައިޓެއް ބޭނުންކުރުމުން ކަންބޮޑުވުންތައް ކުޑަވާކަމުގެ އިހުސާސް ކުރެވެއެވެ. 24 އިންސައްތަ މީހުން ދެކޭ ގޮތުގައި އެކަމުގެ ސަބަބުން އަމިއްލަ މައްސަލަތައް ރަނގަޅަށް ބެލެހެއްޓޭނެ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި 17 އިންސައްތަ މީހުން ވަނީ އެކަމުގެ ސަބަބުން ހިތާމައާއި ގުޅުންހުރި މައްސަލަތަކާ ކުރިމަތިލުމުގެ ހިތްވަރުލިބިގެން ދިޔަކަމަށް ބުނެފައެވެ. މީގެ އިތުރުން 16 އިންސައްތަ މީހުން ބުނެފައިވަނީ ތަޖުރިބާކުރަމުން އަންނަ ނަފްސާނީ ބަލީގެ އަލާމާތްތަކަށް އެހީތެރިވިކަމަށެވެ.

ޔުނިވާސިޓީ އޮފް ޕްލައިމައުތުގެ ޕްރޮފެސަރ އޮފް ޕޮއެޓްރީ އެންޑް ކްރިއޭޓިވް ރައިޓިން ޕްރިންސިޕަލް އިންވެސްޓިގޭޓަރ އެންތަނީ ކެލެޝޫ ވިދާޅުވީ މި ނަތީޖާތަކުން ދައްކުވައިދެނީ ޅެންވެރިކަމުގެ ވަރަށް ބޮޑު ބާރެއް ކަމަށެވެ. "ޅެން ލިޔުމާއި ކިޔުމުގެ އިތުރުން ޅެންވެރިކަމުގެ ވެބްސައިޓާ ގުޅުމުގެ ސަބަބުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބައިވެރިންގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ހެޔޮ އަސަރެއް ކުރި."

ޕްރޮފެސަރ އެންތަނީ ވިދާޅުވީ ދިރާސާގައި ބައިވެރިވި މީހުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އެހީތެރިވުމުގެ އިތުރުން އިޖުތިމާއީ އަދި ސަގާފީ ރިކަވަރީއަށް މައުލޫމާތު ދީ، ބަލިމަޑުކަމުގެ ތެރޭގައި ޅެންވެރިކަމަކީ ޑިސްކޯސް މޯޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގޮތް ދެނެގަތުމުގެ ފުރުސަތު ޅެންވެރިކަމުގެ ވެބްސައިޓުން ފޯރުކޮށްދީފައިވާ ކަމަށެވެ.

600 އަށް ވުރެ ގިނަ ލިޔުންތެރިންގެ 1،000 އަށް ވުރެ ގިނަ ޅެން ހިމެނޭ މި ސައިޓަށް 128 ގައުމަކުން ލައްކައަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، ގިނަ ޅެންތައް ހުށަހެޅީ ލިޔުންތެރިން އަމިއްލައަށެވެ.

ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް މޮޑާން އެންޑް ކޮންޓެމްޕަރަރީ ލިޓްރޭޗާ، ކޯ އިންވެސްޓިގޭޓަރު ޑރ ރޯރީ ވޯޓާމަން ވިދާޅުވި ގޮތުގައި، މުޖުތަމައު ބިނާކުރާ ޕްލެޓްފޯމަކަށް ޅެންވެރިކަން ހެދުމަކީ، މި ހާލަތުގައި ވެބްސައިޓްގެ ސަބަބުން ޅެންވެރިކަމާއި ދުޅަހެޔޮކަމާ ދެމެދު އޮންނަ ގުޅުމަށް ވަރަށް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަކަށް ވެދާނެއެވެ.

ޅެންވެރިކަމުގެ ސަބަބުން އުފެއްދުންތެރިކަމުގެ އިތުރުން، ރައްކާތެރިކަމާއި އެއްބާރުލުން ދިނުމާއި މަޝްވަރާކުރުމުގެ ފުރުސަތާއެކު، ތަޖުރިބާގެ އިހުސާސް ކުރުމަށް މަސައްކަތް ކުރެވޭނެ އައުޓްލެޓްތައް ފޯރުކޮށްދީ، އުނދަގޫ ވަގުތުތަކާއި ހާލަތްތަކާ ކުރިމަތިލާން އެހީތެރިވެދޭނެ ކަމަށް ޑރ ރޯރީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް